Tuesday, November 10
ސަބްސިޑީ ޙައްޤުވެރިންނަށް ޚާއްޞަކޮށް، ޚަރަދު ހިފަހައްޓަން އެމްއެމްއޭއިން ލަފާދީފި

ދައުލަތުގެ މާލީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ރިކަރަންޓް ޚަރަދުތައް ހިފަހައްޓައި، ސަބްސިޑީ އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ޚާއްޞަކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރަށް ލަފާދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް އެމްއެމްއޭއިން ހުށަހެޅި މާލީ ލަފާގައި ބަޔާންކޮށްފައިވާ ގޮތުގައި، 2027 ވަނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓަކީ 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 7 އިންސައްތައެވެ.

ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި، އެންމެންނަށް އެއްހަމައަކުން ދެމުން އަންނަ ސަބްސިޑީ މުރާޖަޢާކޮށް، ޙައްޤުވެރިންނަށް ޚާއްޞަކޮށްގެން ދޭ ޓާގެޓަޑް ސަބްސިޑީއަކަށް ބަދަލުކުރުން އަވަސްކުރުމަށް އެމްއެމްއޭއިން ވަނީ ލަފާދީފައެވެ. އަދި ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް އަވަސްކުރުމަށާއި، ޞިއްޙީ ދާއިރާގެ ޚަރަދުތައް ހަމަމަގަށް އެޅުވުމަށް އިޞްލާޙުތައް ގެނައުމަށްވެސް އެދިފައިވެއެވެ.

2027 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން "ކޯޕޭ" ނިޒާމެއްގެ ތެރެއިން އާސަންދައިގެ ޚަރަދުތައް އިޞްލާޙުކުރުމާއި، ބަލްކް ޕްރޮކިއުމަންޓުގެ ނިޒާމު ފުޅާކުރުމަށް ރާވާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަކީ މާލީ ބުރަ ކުޑަކުރުމަށް މުހިންމު ފިޔަވަޅެއް ކަމަށްވެސް އެމްއެމްއޭގެ ލަފާގައި ބަޔާންކޮށްފައިވެއެވެ.

ފިސްކަލް ޒިންމާގެ ޤާނޫނުގައިވާ ގޮތުގެ މަތިން ރިކަރަންޓް ޚަރަދު އިތުރުވާ މިންވަރު އާމްދަނީ އިތުރުވާ މިންވަރަށްވުރެ ދަށުގައި ބަހައްޓަން ލާޒިމުކަމަށް އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ. އަދި 2028 ވަނަ އަހަރުގެ ނިޔަލަށް އޯވަރޯލް ޑެފިސިޓް ޖީޑީޕީގެ 5 އިންސައްތައަށް ތިރިކުރުމުގެ އަމާޒު ޙާޞިލުކުރުމަށް، ޚަރަދު ކުޑަކުރުމުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ އިތުރުކުރެވޭނެ ސިޔާސަތުތައް އަވަހަށް ތަންފީޒުކުރަން ޖެހޭ ކަމަށް ބުނެފައިވެއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީ އިތުރުކުރުމަށް އައު ފިޔަވަޅުތަކެއް ހިމަނާފައި ނުވާތީ، މިހާރު ހުރި ސިޔާސަތުތައް ތަންފީޒުކުރުމާއި ރެވެނިއު އެޑްމިނިސްޓްރޭޝަން ހަރުދަނާކުރުމަށް ޤާނޫނީ އިޞްލާޙުތައް އަވަސްކުރުމަށް އެމްއެމްއޭއިން އެދިފައިވެއެވެ. ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ކޯޕަރޭޓް އިންކަމް ޓެކްސްގެ އާމްދަނީ މިހާރަށްވުރެ ރަނގަޅުކުރެވިދާނެ ކަމަށާއި، ކަސްޓަމްސްގެ ރެވެނިއު އެޑްމިނިސްޓްރޭޝަން މެންޑޭޓް މާލީ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

ޢުމްރާނީ މަޝްރޫޢުތަކާ ގުޅޭގޮތުން އެމްއެމްއޭއިން ލަފާދީފައިވަނީ، މިހާރު ކުރިއަށްދާ މަޝްރޫޢުތަކަށް އިސްކަންދީގެން އެ މަސައްކަތްތައް ހުއްޓުމެއްނެތި ނިންމުމަށެވެ. އަލަށް ފަށަން ނިންމާފައިވާ މަޝްރޫޢުތައް ކުރިއަށް ގެންދަންވާނީ ފައިނޭންސިންގ ހަމަޖެހޭ މިންވަރަކުން ތަރުތީބުކޮށްގެން ކަމަށާއި، މިފަދަ ކަންކަމަށް ލުއި ލޯނާއި ގްރީން ފައިނޭންސިންގ ހޯދުމަށް އިސްކަންދިނުމަށްވެސް އެދިފައިވެއެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށް ނޭދެވޭ އަސަރެއް ކޮށްފިނަމަ ކުރިމަތިލާނެ ހަރުދަނާ ޕްލޭނެއް ސަރުކާރުގައި އޮންނަންވާނެ ކަމަށާއި، ފަތުރުވެރިކަމަށް އެކަނި ބަރޯސާވާ މިންވަރު ކުޑަކުރުމަކީ މުހިންމު ކަމެއް ކަމަށްވެސް އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ.

ދައުލަތުން 2027 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގެ ބޮޑުބައެއް ޙިއްޞާކުރަނީ ރިކަރަންޓް ޚަރަދެވެ. އެގޮތުން މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކާއި، ޕެންޝަނާއި އެހީގެ ފައިސާގެ އިތުރުން ސަބްސިޑީތަކަށް 42.7 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު