Tuesday, November 10
22 މަޝްރޫއެއްގެ އެއްބަސްވުމެއްގައި އިންފްރާސްޓްރަކްޗަރ މިނިސްޓްރީއާއި އެމްޓީސީސީ ސޮއިކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި އުމްރާނީ ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ދެމެދު މިއަދު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޖަމްޝީދެވެ.

ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭގައި މަގުހެދުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު ތަރައްގީކުރުން އަދި މޫދަށް އެރޭ ސަރަހައްދުތަކާއި ސްލިޕްވޭ ހެދުމުގެ މަސައްކަތްތައް ހިމެނެއެވެ.

މަގުހެދުމުގެ 8 މަޝްރޫއުގެ ދަށުން އދ. ހަންޏާމީދޫގައި 1.57 ކިލޯމީޓަރާއި ބ. ކަމަދޫގައި 3.79 ކިލޯމީޓަރުގެ ވެލިމަގު ހަދާނެއެވެ. އަދި ކ. މާފުށި، ނ. މާޅެންދޫ، ރ. އަނގޮޅިތީމު، ރ. ވާދޫ، ށ. ކޮމަންޑޫ އަދި ތ. ވަންދޫގެ މަގުތަކުގައި ތާރު އަޅާނެއެވެ. އެ ހުރިހާ ރަށެއްގައި ފެންހިންދާ ނިޒާމު ގާއިމުކޮށް، މަގުބައްތި ވެސް ޖަހާނެއެވެ. މީގެ ތެރެއިން އެންމެ ދިގު މުއްދަތު ދީފައިވަނީ ކ. މާފުށީގެ 2.29 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ކަމަށްވާ 780 ދުވަހެވެ.

ގޮނޑުދޮށް ހިމާޔަތްކުރުމާއި މޫދަށް އެރޭ ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް ކުރާނީ އއ. މާޅޮސް، ހއ. ތުރާކުނު، ހދ. ނައިވާދޫ، ހއ. ވަށަފަރު، ނ. މިލަދޫ އަދި ރ. ފައިނުގައެވެ. މި މަޝްރޫއުތަކުގެ ދަށުން ބޮޑުހިލައިގެ ބްރޭކްވޯޓާއާއި ރިވެޓްމަންޓް އަދި ގްރޮއިން ޖަހާނެއެވެ.

ބަނދަރު ތަރައްގީކުރުމާއި އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ކ. ތުލުސްދޫ، ނ. ހޮޅުމީދޫ، ތ. ކަނޑޫދޫ، ގއ. ކަނޑުހުޅުދޫ، ގއ. ނިލަންދޫ އަދި ތ. ވިލުފުށީގައެވެ. މީގެ ތެރެއިން ގއ. ނިލަންދޫ ބަނދަރުގެ މަސައްކަތަށް 720 ދުވަސް ދީފައިވާއިރު، ތ. ވިލުފުށީގެ މަސައްކަތަށް 600 ދުވަސް ދީފައިވެއެވެ.

ހދ. ވައިކަރަދޫގައި އޮޑިދޯނިފަހަރު އެހެލާ ސަރަހައްދަކާއި މޫދަށް އެރޭ ސަރަހައްދެއް ހަދައި، ބޮޑުހިލައިގެ ބްރޭކްވޯޓާ ގާއިމުކުރުމުގެ މަސައްކަތް 330 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ފުވައްމުލަކުގައި ބިނާކުރާ 9 ފަންގިފިލާގެ އޮފިސް އިމާރާތުގައި ކޮމާޝަލް ޔުނިޓްތަކާއި، ޑޭކެއާ ސެންޓަރަކާއި، އިވެންޓް ހޯލެއް ހިމެނޭނެއެވެ. އޭގެ މަސައްކަތަށް ދީފައިވަނީ 900 ދުވަހެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި މި މަޝްރޫއުތައް ހިންގާ ދާއިރާތައް ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު