Tuesday, November 10
މުވައްޒަފުންގެ އަދަދު އިތުރުވާ މިންވަރު ކޮންޓްރޯލްކުރަން އޮޑިޓަރ ޖެނެރަލް ލަފާދީފި

ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ކުރާ ހަރަދު ބޮޑުވަމުންދާތީ، މުވައްޒަފުންގެ އަދަދު އިތުރުވާ މިންވަރު ކޮންޓްރޯލްކުރަން އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ލަފާދީފިއެވެ.

މި ލަފާ ދީފައިވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް އޮޑިޓަރ ޖެނެރަލް ދޭ ފަންނީ ލަފާގެ ރިޕޯޓުގައެވެ. ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް ހުށަހެޅި އެ ރިޕޯޓު، އޮޑިޓް އޮފީހުން މިއަދު ވަނީ އާއްމުކޮށްފައެވެ. ދައުލަތުން އަންނަ އަހަރަށް ހުށަހަޅާފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ރިޕޯޓުގައިވާ ގޮތުން، ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އެލަވަންސްތަކަށް ކުރާ ހަރަދު ފާއިތުވެދިޔަ އަހަރުތަކުގައި އިތުރުވެ، 2027 ވަނަ އަހަރު މި ހަރަދު 14.42 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. މި ހަރަދު ބޮޑުވާ މައިގަނޑު ސަބަބަކީ ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން މުސާރައިގެ އޮނިގަނޑުތަކަށް ގެނައި ބަދަލުތައް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި ދައުލަތުގެ މުވައްޒަފުންގެ ޖުމްލަ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަން އޮޑިޓަރ ޖެނެރަލް ވަނީ ފާހަގަކޮށްފައެވެ. މުވައްޒަފުންނަށް ކުރާ ހަރަދަކީ ދައުލަތުގެ ރިކަރަންޓް ހަރަދުގެ އެންމެ ބޮޑު ބައި ކަމަށްވާތީ، މުވައްޒަފުން އިތުރުކުރުން ކޮންޓްރޯލްކޮށް، މިހާރު ތިބި މުވައްޒަފުންގެ އުފެއްދުންތެރިކަމާއި މަސައްކަތުގެ ފެންވަރު މަތިކުރުމަށް ޚާއްޞަ އިސްކަމެއް ދޭންޖެހޭ ކަމަށް އޮޑިޓް އޮފީހުން ލަފާދީފައިވެއެވެ.

މީގެ އިތުރުން، ޕެންޝަނަށް ކުރާ ހޭދަ އަހަރުން އަހަރަށް ބޮޑުވަމުންދާ މައްސަލައަށްވެސް އޮޑިޓް އޮފީހުން ވަނީ އަލިއަޅުވާލާފައެވެ. އަންނަ އަހަރުގެ ބަޖެޓުގައި ޕެންޝަނަށް 2.61 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ބޭރުން އެކި މުއައްސަސާތަކުން ވަކިވަކި ޕެންޝަން ސްކީމުތައް ހިންގުމަކީ ދައުލަތުގެ ބުރަ ބޮޑުވާ މައިގަނޑު ސަބަބެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކަށް ބަލައި އޮޑިޓް އޮފީހުން ބުނީ، މިހާރުގެ އުސޫލުން ކުރިއަށްދާނަމަ، 2042 ވަނަ އަހަރު ޕެންޝަނަށް ކުރާ ހަރަދު 4 ބިލިއަން ރުފިޔާއަށް، އަދި 2055 ވަނަ އަހަރު 7.9 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. އެހެންކަމުން، ޕެންޝަން ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް އަވަހަށް ދެނެގަނެ ތަންފީޒުކުރުމަށް އޮޑިޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު