ގދ. ތިނަދޫއަށް ސިޓީގެ ދަރަޖަ ހޯދުމަށްޓަކައި އެރަށުގެ އާބާދީ އޮޅުވާލި ކަމަށް ބުނެ ދައުލަތުން ކުރާ ދައުވާއަށް ތިނަދޫ ސިޓީގެ މޭޔަރު ސައުދު ޢަލީ އިންކާރުކޮށްފިއެވެ.
ސައުދުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ ކުރީގެ އެމްޑީޕީ ސަރުކާރުގެ ދައުރުގައި، 2023 ވަނަ އަހަރު ތިނަދޫއަށް ސިޓީގެ ދަރަޖަ ހޯދުމަށްޓަކައި އެރަށުގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލައިގައެވެ.
އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމަށް ސައުދު ހާޒިރުވީ ވަކީލުންނާއެކުގައެވެ. ސައުދުގެ ފަރާތުން ދައުވާއަށް އިންކާރުކުރުމުން، ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅީ ކައުންސިލްގެ ބައްދަލުވުންތަކުގައި ބައިވެރިވި ބައެއް މީހުންނާއި، ރައީސް އޮފީހާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ މުވައްޒަފުންނާއި، މައްސަލަ ތަހުގީގުކުރި ފަރާތްތަކެވެ. މީގެ އިތުރުން، ކިތާބީ ހެކީގެ ގޮތުގައި ބައެއް ލިޔުންތައް ވެސް ދައުލަތުން ވަނީ ހުށަހަޅާފައެވެ.
ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ޤަރީނާއަށް ބަލައި، މި ދައުވާއަކީ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަމަށް ކޯޓުން މިއަދު ނިންމިއެވެ. މި މައްސަލައިގައި ދެން އޮންނާނީ ސައުދުގެ ފަރާތުން ދިފާޢީ ހެކި ހުށަހެޅުމެވެ.
ސައުދުގެ މައްޗަށް ކުރާ ދައުވާތައް ސާބިތުވެއްޖެނަމަ، އޭނާއަށް މޭޔަރުކަމުގެ ގޮނޑި ގެއްލޭނެއެވެ.






