މާލޭ ނޯތު ހާބަރު ބޭނުންކުރާ ބޯޓުފަހަރުގެ އަދަދު ގިނަވެ، އެ ބަނދަރަށް ބޯޓުތައް ގާތްކުރުމުގައި ޖާގައިގެ ބޮޑު ދަތިކަމެއް ކުރިމަތިވެފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
އެމްޕީއެލްގެ އިސްވެރިން މިހެން ބުނީ، ނޯތު ހާބަރު ބޭނުންކުރުމުގައި އަތޮޅުތަކަށް މުދާ އުފުލާ ބޯޓުތަކަށް ދިމާވާ ދަތިތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ސިޓީއަކާ ގުޅިގެން، މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީއަށް މިއަދު ހާޒިރުވެ ވާހަކަދައްކަމުންނެވެ. ސިޓީގައިވާ ގޮތުން، މިހާރު ބޯޓެއް ނޯތު ހާބަރާ ގާތްކުރުމަށް 10 އިން 15 ދުވަހުގެ މުއްދަތެއް ހޭދަވެއެވެ.
ނޯތު ހާބަރުގެ ސެކްޝަން މެނޭޖަރު މުޙައްމަދު އަޒަރު ވިދާޅުވީ، އެ ބަނދަރުގެ ޚިދުމަތް ފެށިއިރު 80 ބޯޓު އެތަން ބޭނުންކުރި ނަމަވެސް، މިހާރު އެ އަދަދު 149 އަށް އިތުރުވެފައިވާ ކަމަށެވެ. ބޯޓުތަކުގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް ބަނދަރުގެ ފަޅު ބޮޑުކުރެވިފައި ނުވާ ކަމަށާއި، ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ ސަބަބުން ބަނދަރުގެ ޖާގަ ހަނިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ދުވަހެއް ދުވަހަށް ބާރު ބޮޑުވަމުން އައިސް މިހާތަނަށް މި އައީ. ދެން ނޯތު ހާބަރު ފަޅެއް އިތުރަކަށް ބޮޑެއް ނުވޭ. ފަޅު މި އޮތީ ހަމަ ކުރިން ވެސް އޮތްވަރަށް،" އަޒަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި ދަތިތައް ހައްލުކުރުމަށް ޤަވާއިދަށް ބަދަލު ގެނެސް، 104 ބޯޓެއްގެ ވެރިންނާ މަޝްވަރާކޮށް ސާވޭއެއް ހަދާފައިވާ ކަމަށާއި، އެ ސާވޭގެ ނަތީޖާއިން ދައްކަނީ ބޯޓުތަކަށް ވެސް ފަސޭހައީ މިހާރު އޮތް އުސޫލުން ޚިދުމަތް ދިނުން ކަމަށެވެ. ސަލާމަތީ ގޮތުން ވެސް މިހާރުގެ އުސޫލަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޕީއެލްގެ ސީއީއޯ ޙުސައިން ޝަފީޤު ވިދާޅުވީ، ނޯތު ހާބަރުގައި މިހާރު އޮތީ ވަރަށް ކުޑަ ޖާގައެއް ކަމަށާއި، ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުން 2.3 ކިލޯމީޓަރުގެ ކީވޯލެއް ލިބިގެންދާނެ ކަމަށެވެ. އަދި އެއީ މުދާ އުފުލުމާއި ބޭލުމަށް ވަރަށް ބޮޑު ލުޔެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.






