Tuesday, November 10
ޗައިނާ ސަރުކާރުގެ ސްކޮލާޝިޕްތަކަށް ޖެނުއަރީ 29 ގެ ނިޔަލަށް ކުރިމަތިލެވޭނެ

ޗައިނާ ސަރުކާރުގެ ސްކޮލާޝިޕް ޕްރޮގްރާމްގެ ދަށުން 2027-2028 ވަނަ ދިރާސީ އަހަރަށް ދިވެހި ދަރިވަރުންނަށް ކުރިމަތިލެވޭނީ އަންނަ ޖެނުއަރީ 29 ގެ ނިޔަލަށް ކަމަށް މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ބުނެފިއެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ސްކޮލާޝިޕްތަކުގެ ދަށުން ޗައިނާގައި އަންޑަގްރެޖުއޭޓް، ޕޯސްޓްގްރެޖުއޭޓް އަދި ޑޮކްޓޯރަލް ފެންވަރުގެ މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ދިވެހި ދަރިވަރުންނަށް ލިބޭނެއެވެ.

ސްކޮލާޝިޕްތަކަށް އެދި ހުށަހަޅަންޖެހޭނީ ޗައިނާ ސަރުކާރުގެ ރަސްމީ ސްކޮލާޝިޕް ޕޯޓަލް މެދުވެރިކޮށް، ޖެނުއަރީ 29 ވާ ހުކުރު ދުވަހު ޗައިނާ ގަޑިން ރޭގަނޑު 23:59 ގެ ކުރިންނެވެ. ސުންގަޑި ހަމަވުމުގެ ކުރިން ހުރިހާ ލިޔެކިޔުމެއް ފުރިހަމަކޮށް ހުށަހެޅުމަށް މިނިސްޓްރީން ވަނީ އިރުޝާދުދީފައެވެ.

އަންޑަގްރެޖުއޭޓް ޕްރޮގްރާމްތަކަށް ކުރިމަތިލާ ފަރާތްތަކުން، އެޕްލިކޭޝަނާއެކު ޗައިނާ ސްކޮލަސްޓިކް ކޮމްޕިޓެންސް އެސެސްމަންޓް (ސީއެސްސީއޭ) ގެ ނަތީޖާ ހުށަހަޅަންޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ. ސީއެސްސީއޭއަށް ރަޖިސްޓަރީވުމާއި އިމްތިހާނު އޮންނަ ތާރީޚުތަކުގެ ތަފްޞީލު ޗައިނާ ސްކޮލާޝިޕް ކައުންސިލް (ސީއެސްސީ) ގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މީގެ އިތުރުން، ސްކޮލާޝިޕް ލިބޭ ދަރިވަރުން ޗައިނާއަށް ފުރުމުގެ ކުރިން، އިޚްތިޔާރުކުރި ތަޢުލީމީ މަރުކަޒާއި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ޤަބޫލުކުރާ ތަނަކާއި ޕްރޮގްރާމެއްކަން ކަށަވަރުކުރުމަށް މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ. ރާއްޖޭގައި މަސައްކަތްކުރުމަށް ޕްރޮފެޝަނަލް ލައިސަންސް ނަގަންޖެހޭ ދާއިރާތަކުން ކިޔަވާ ދަރިވަރުން، ކިޔަވާ މަރުކަޒަކީ ކަމާބެހޭ ރެގިއުލޭޓަރީ އިދާރާތަކުން ބަލައިގަންނަ ތަނެއްކަން ޔަޤީންކުރުމަށް ވެސް އަންގާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު