Tuesday, November 10
މިއަހަރުގެ ފުރަތަމަ ނުވަ މަހު ދައުލަތަށް 1.2 ބިލިއަން ޑޮލަރުގެ އާމްދަނީ ލިބިއްޖެ

މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ 5.6 އިންސައްތަ އިތުރުވެ، 1.2 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައެވެ.

މިދިޔަ އަހަރުގެ ހަމަ އެ މުއްދަތުގައި ދައުލަތަށް ޑޮލަރުން ލިބިފައިވަނީ 1.1 ބިލިއަން ޑޮލަރެވެ.

މިއަހަރު ޑޮލަރުން ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ލިބިފައިވަނީ ޓެކްސްގެ ގޮތުގައެވެ. އެގޮތުން ޓެކްސްގެ ގޮތުގައި 923 މިލިއަން ޑޮލަރު ލިބިފައިވާއިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 853 މިލިއަން ޑޮލަރާ އަޅާބަލާއިރު 8.3 އިންސައްތައިގެ އިތުރުވުމެކެވެ.

ޑޮލަރުން ލިބުނު ޓެކްސްގެ ތެރެއިން އެންމެ ގިނަ ފައިސާ ލިބިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީޖީއެސްޓީގެ ގޮތުގައެވެ. އެއީ 571 މިލިއަން ޑޮލަރެވެ. ދެވަނައަށް އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު 138 މިލިއަން ޑޮލަރެވެ. މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 114 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ.

ރުފިޔާއާއި ޑޮލަރު އެއްކޮށް، މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ 27 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 25 ބިލިއަން ރުފިޔާއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު