Tuesday, November 10
ދައުލަތަށް ލިބެންޖެހޭ ޓެކްސް ފައިސާ ނުލިބި އިތުރުވަމުން ދަނީ: އޮޑިޓަރ ޖެނެރަލް

ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބެންޖެހޭ ފައިސާ ނުލިބި، އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

ނިޔާޒީ މިހެން ވިދާޅުވީ، އަންނަ 2027 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި، ބަޖެޓާ ބެހޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފާހަގަކުރެވުނު ކަންކަން ހިމެނޭ ރިޕޯޓެއް ވެސް ކޮމިޓީއަށް ހުށަހަޅާފައިވެއެވެ.

ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ގާތްގަނޑަކަށް 22 ބިލިއަން ރުފިޔާ ނުލިބި އޮތް ކަމަށް ހިސާބުތަކުން ދައްކާ ކަމަށް ނިޔާޒީ ވިދާޅުވިއެވެ. ޓެކްސްގެ އިތުރުން، ޓެކްސް ނޫން ގޮތްގޮތުން ދައުލަތަށް ލިބެންޖެހޭ ފައިސާ ވެސް 2021 ވަނަ އަހަރާއި 2025 ވަނަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޮޑިޓުތަކާއި ދައުލަތުގެ އާމްދަނީ ލިބޭ އިދާރާތަކުގެ މަޢުލޫމާތަށް ބަލާއިރު، ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް އިތުރުވަމުންދާ ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ. އެހެންކަމުން، އާމްދަނީ ހޯދާ އިދާރާތަކަށް ޤާނޫނީ ގޮތުން ލިބިދޭ ބާރު އިތުރުކޮށް، ދައުލަތަށް ލިބެންޖެހޭ ފައިސާ ލިބެންޖެހޭ މުއްދަތުގައި ހޯދުމަށް ނިޔާޒީ ލަފާދެއްވިއެވެ.

މީގެ އިތުރުން، ސަރުކާރުން ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާގެ ބޮޑު ބައެއް ނުދައްކާ ހުރިއިރު، އެ ބިލުތައް ދެއްކުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވެސް ފައިސާ ހިމަނާފައި ނުވާ ކަމަށް ނިޔާޒީ ވިދާޅުވިއެވެ.

"ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ދައުލަތުގެ ޕަބްލިކް އެކައުންޓިން ސިސްޓަމްގެ ތެރެއިން މިހާތަނަށް ނުދައްކާ ހުރި ބިލުތަކުގެ އަދަދު އެއީ ހަތް ބިލިއަނާ ގާތްކުރާ އަދަދެއް،" ނިޔާޒީ ވިދާޅުވިއެވެ.

އެ ފައިސާ ދައްކާނެ ގޮތްތައް ފިނޭންސް މިނިސްޓްރީން ހޯދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

2027 ވަނަ އަހަރުގެ ބަޖެޓުގައި ވެސް އެޑްހޮކް އާމްދަނީގެ ގޮތުގައި 50 މިލިއަން ޑޮލަރު ހޯދުމަށް ހިމަނާފައިވާ ކަމަށާއި، އެ އާމްދަނީ ނުލާ ބަލާއިރު ދައުލަތުގެ ރިކަރަންޓް ހަރަދުތައް ދައުލަތުގެ އާމްދަނީން ހަމަނުޖެހޭ ކަމަށް ވެސް އޮޑިޓަރ ޖެނެރަލް ފާހަގަކުރެއްވިއެވެ. އެހެންކަމުން، ލިބޭ އާމްދަނީން ހަރަދުތައް ހަމަޖެއްސޭ ވަރަށް ދައުލަތުގެ ހަރަދު ކުޑަކުރުމަށް ވެސް ނިޔާޒީ ލަފާދެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު