Tuesday, November 10
ޕާކިސްތާނުން ހިލަ ގެނައުމަށް މަސައްކަތްކުރަނީ: މިނިސްޓަރު މުއްޠަލިބް

ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުތަކަށް ބޭނުންވާ ހިލަ ގެނައުމުގައި ދިމާވެފައިވާ ދަތިކަމަށް ހައްލެއް ހޯދުމަށް، ޕާކިސްތާނާ ގުޅިގެން އެ ޤައުމުން ހިލަ ގެނައުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ މިނިސްޓަރު ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރޭ ބޭއްވި ވަޒީރުންގެ "އަހާ" ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ ހިލަ ލިބުމުގައި މިހާރު ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

އިންޑިއާގެ ޓެމިލްނާޑޫ ސަރުކާރުން ހިލަ ބޭރުކުރުން މަނާކޮށްފައި އޮންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި، މިދިޔަ މަހުގެ ނިޔަލަށް އެ ނިންމުން ނިމުމަކަށް އަންނާނެ ކަމަށް އުންމީދުކުރި ނަމަވެސް، އެ މުއްދަތު އިތުރު ދެ މަސް ދުވަހަށް އިތުރުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ހިލަ ގެނައުމުގައި ވެސް ބޮޑެތި ދަތިތަކެއް ހުރި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ހިލަ އާންމުކޮށް ލޯޑުކުރާ ޕޯޓުން ނުކުމެ ހޯމުޒް ކަނޑުއޮޅި ހުރަސްކޮށް އަންނަން ޖެހޭތީ، އެ ދަތުރުތަކުގައި ދަތިތައް ކުރިމަތިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރު މުއްޠަލިބް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން، އެ ޤައުމުން ރާއްޖެއަށް ހިލަ ގެނައުމަށް ސަރުކާރުން މިހާރު މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު