ސަރުކާރުން ވަޒީފާތައް ބަހައިގެން ދެން އޮންނަ އިންތިޚާބުގައި ވޯޓު ނުހޯދޭނެ ކަމަށާއި، މިހާތަނަށް އެއްވެސް ސަރުކާރަކަށް އެގޮތުން ވޯޓު ހޯދިފައި ނުވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެސް ވަޒީފާ ބަހައިގެން ކާމިޔާބު ނުވި ކަމަށެވެ. އަދި މި ސަރުކާރަށް ވެސް ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓާ ދިމާކޮށް ވަޒީފާ ބަހައިގެން ވޯޓު ހޯދިފައި ނުވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ސަރުކާރަށް އެނގިވަޑައިގަންނަވަންވީ ހަގީގަތްތަކެއް އެބަހުރޭ. އެއްވެސް ސަރުކާރަކުން ވަޒީފާ ބަހައިގެނެއް ވޯޓެއް ހޯދިފައެއް ނެތް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ވޯޓު ހޯދުމުގެ ނިޔަތުގައި ބަހާ ވަޒީފާތަކަކީ ދެމެހެއްޓެނިވި ވަޒީފާތަކެއް ނޫން ކަމަށާއި، ހަގީގީ ދެމެހެއްޓެނިވި ވަޒީފާތަކަކީ އިޤްތިޞާދީ ހަރަކާތްތައް އިތުރުކޮށްގެން އުފައްދާ ވަޒީފާތައް ކަމަށެވެ.
ދައުލަތުގެ ބަޖެޓުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ނަޝީދު ފާހަގަކުރެއްވީ، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ 70 އިންސައްތައަކީ ރިކަރަންޓް ޚަރަދު ކަމަށާއި، މުސާރައިގެ ޚަރަދަށް 14.4 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާ ކަމަށެވެ.
ބަޖެޓު ފޮތުގެ ތަފުސީލުތަކުން ދައްކާ ގޮތުގައި، 2023 ގެ ނިޔަލަށް ސަރުކާރުގައި 48،936 މުވައްޒަފުން ތިބި ނަމަވެސް، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި 6،530 މުވައްޒަފުން އިތުރުވެ، މިހާރު އެ އަދަދު 55،466 އަށް އަރާފައިވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ރަށްރަށުގެ އިންޖީނުގެތަކުގައި މުވައްޒަފުން ތިބީ ތިބެންޖެހޭ މިންވަރަށްވުރެ އިތުރަށް ކަމަށެވެ. އެގޮތުން، އެއް މެގަވަޓް ކަރަންޓް ވެސް ނުއުފައްދާ އިންޖީނުގެތަކުގައި 50 އެއްހާ މުވައްޒަފުން ތިބޭއިރު، ފަސް މެގަވަޓް ކަރަންޓް އުފައްދާ ރިސޯޓެއްގައި އެ މަސައްކަތަށް ތިބޭނީ ފަސް ވަރަކަށް މުވައްޒަފުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.






