Tuesday, November 10
މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެ، ފެން ހިންދުމުގައި ސިފައިން ހަރަކާތްތެރިވާން ފަށައިފި

މާލެއަށް ބޯކޮށް ވާރޭވެހުމާ ގުޅިގެން މަގުތަކުގައި ފެންބޮޑުވެ، ފެން ހިންދުމާއި ގެތަކަށް ފެންވަނުން ހުއްޓުވުމަށްޓަކައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދިން ގޮތުގައި، ފެންބޮޑުވި މަގުތަކުން ފެން ހިންދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ސިފައިންނެވެ. މީގެ އިތުރުން ގެތަކަށް ފެން ވަދެ ގެއްލުންވިޔަ ނުދިނުމުގެ ގޮތުން ގެތަކުގެ ދޮރުމަތީގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ވެސް ސިފައިން ދަނީ ކުރަމުންނެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް، މާލެ ސަރަހައްދު ހިމެނޭ ގޮތަށް ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ރީނދޫ ސަމާލު ނެރެފައެވެ. އެ އިދާރާއިން ބުނި ގޮތުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

މީގެ އިތުރުން ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް މިއަދު މެންދުރު 12:00 އިން ހަވީރު 17:00 އާ ހަމައަށް މެޓް އޮފީހުން ވަނީ ހުދު ސަމާލު ނެރެފައެވެ. އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރުމާއެކު ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މޫސުން ގޯސްވެފައިވާތީ އެއްގަމު ދަތުރުފަތުރާއި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، ގެދޮރަށް ފެންވަދެ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލައި ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު