ލ. ފޮނަދޫ އެސްޓީއޯ ފިހާރައަށް ގެންދަން އެރުވި 192،000 ރުފިޔާގެ މަސްދަޅު ކޭސްތަކަކަށް ހުއްދަނޫން ގޮތުގައި ބާރު ހިންގައި އެހެން ރަށަކަށް ފޮނުވާލި މައްސަލައިގައި، ބޯޓުގެ ކައްޕި ޅ. ހިންނަވަރު މުޙައްމަދު ފަޔާޟްގެ މައްޗަށް ކުށް ސާބިތުވެ އޭނާ ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ދައުލަތުން އޭނާގެ މައްޗަށް އުފުލީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.
މި ހާދިސާ ހިނގީ 2018 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އެސްޓީއޯއިން ކުއްޔަށް ހިފި ބޯޓަށް ފޮނަދޫ ފިހާރައަށް ގެންދަން 300 މަސްދަޅު ކޭސް އަރުވާފައިވީ ނަމަވެސް، ބޯޓު އެ ރަށަށް ދިއުމަށްފަހު ކައްޕި ވަނީ ރޭގަނޑު އެ ތަކެތި އެހެން އުޅަނދުތަކަކަށް އަރުވައިގެން ކައިރި ރަށަކަށް ފޮނުވާލާފައެވެ. މިކަން ވަނީ ހެކިންގެ ބަހުން ސާބިތުވެފައެވެ.
މި ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް ނަމަވެސް، މައްސަލަ ނިމެން ގިނަ ދުވަސް ނެގުމާއި އޭނާގެ އާއިލީ ހާލަތަށް ރިއާޔަތްކޮށް އަދަބުގެ ބޮޑުބައި ވަނީ ޖޫރިމަނާއަކަށް ބަދަލުކޮށްދީފައެވެ. އެގޮތުން ހުކުމްކުރީ 6 ދުވަހުގެ ޖަލު އަދަބެއް ތަންފީޒުކުރުމާއެކު، ބާކީ އޮތް 1 އަހަރާއި 7 މަސްދުވަހުގެ ބަދަލުގައި 114،000 ރުފިޔާއިން ޖޫރިމަނާކުރުމަށެވެ.






