ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެ، ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 07:00 އިން ފެށިގެން 11:00 ގެ ނިޔަލަށެވެ. އެ ވަގުތުތަކުގައި އެ ސަރަޙައްދަށް ގުގުރުމާއެކު ވަރަށް ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 12:00 ގެ ނިޔަލަށެވެ. އެ ވަގުތުތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ މާދަމާއިން ފެށިގެން އަލިވާން ފަށާނެއެވެ.






