ކ. އަތޮޅު ރިސޯޓެއްގެ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، އެ ލޯންޗުގެ ކެޕްޓަނަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 03:00 އެހައިކަންހާއިރު ކަމަށާއި، އެކަމުގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ފަތިހު 05:30 އެހައިކަންހާއިރު ކަމަށެވެ.
ހާދިސާ ހިނގި ވަގުތު ލޯންޗުގައި ހުރީ އޭގެ ކެޕްޓަން އެކަންޏެވެ. އަނިޔާވެފައިވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
އަލިފާނުގެ ސަބަބުން އޭނާގެ ކަރާއި މޭމަތި ވަނީ ފިހިފައެވެ. އޭނާއަށް މިހާރު ފަރުވާދެމުން ދަނީ އައިޖީއެމް ހޮސްޕިޓަލުގައެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، އަލިފާނުގެ ސަބަބުން ލޯންޗަށް ވެސް އެކިވަރުގެ ގެއްލުންތައް ވެފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.






