Tuesday, November 10
މުދައްރިސުންނަށް ކޮމްޕިއުޓަރު ފޯރުކޮށްދިނުމުގެ މަސައްކަތް މިއަހަރު ނިމުމާއެކު ފަށާނެ: މިނިސްޓަރު ޝަފީޢު

ސްކޫލްތަކުގެ ކްލާސްރޫމްތަކުގައި ހުރި ވަސީލަތްތައް ރަނގަޅުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށާއި، މިގޮތުން މުދައްރިސުންނަށް ބޭނުންވާ ކޮމްޕިއުޓަރު ފަދަ ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް މިއަހަރު ނިމުމާއެކު ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ސަރުކާރުން ރޭ ބޭއްވި "އަހާ" ފޯރަމުގައި ތަޢުލީމީ ދާއިރާގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމާ ގުޅޭގޮތުން ޢާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، މުދައްރިސުންނަށް ތަމްރީނުތައް ފޯރުކޮށްދިން ނަމަވެސް، ކިޔަވައިދިނުމަށް ބޭނުންވާ ބައެއް އާލާތްތައް ނެތުމަކީ ގޮންޖެހުމެއް ކަމަށެވެ. އަދި ކޮންމެ ސްކޫލެއްގައިވެސް މުދައްރިސުންނަށް ބޭނުންވާ ސިސްޓަމްތައް ބަހައްޓާނެ ކަމަށާއި، އެކަމުން ލެސަން ޕްލޭން ހެދުމާއި ޓެސްޓް ކަރުދާސް ތައްޔާރުކުރުން ފަދަ ކަންކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

ތަޢުލީމީ ދާއިރާއަށް ބަދަލު ގެނައުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މުދައްރިސުން ކަމަށް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ ރޯދަމަހު ވެސް މުދައްރިސުންނަށް އޭއައި ތަމްރީނު ޕްރޮގްރާމްތަކެއް ހިންގާފައިވާ ކަމަށާއި، މިހާރު ވެސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)ގެ "އެދުރު" ޕްލެޓްފޯމް މެދުވެރިކޮށް މުދައްރިސުން އެކަމަށް އަހުލުވެރިކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"މީގެ މާނައަކީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކިޔަވައިދިނުމަށް އެކަށީގެންވާ ޤާބިލުކަން ހުރި ޓީޗާ ފޯސްއެއް އިރާދަކުރެއްވިއްޔާ ރާއްޖޭގައި އޮންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

އޭއައިގެ ކަންތައްތަކަކީ ހީކުރާ މިންވަރަށްވުރެ ފަސޭހައިން ވާން އޮތް ކަމެއް ކަމަށާއި، މިހާރުގެ މުދައްރިސުންގެ ތެރެއިން ގިނަ ބޭފުޅުންނަކީ މިކަމަށް އަހުލުވެރި ބޭފުޅުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސެކަންޑަރީ އަދި ހަޔަރ ސެކަންޑަރީ ތަޢުލީމުގައި ބައިނަލްއަޤުވާމީ ކަރިކިއުލަމެއް ބޭނުންކުރާތީ، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުން ތަޢުލީމީ ނިޒާމަށް ގެންނަ ޓެކްނޮލޮޖީގެ އާ ބަދަލުތަކަށް ރާއްޖެ އަބަދުވެސް އޮންނާނީ ފަހިކޮށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު