Monday, November 9
ރަޝިއާއަށް ފައިސާ ފޮނުވުން ހުއްޓާލި ކަމަށް ފަތުރަނީ ދޮގު ވާހަކަ: ބީއެމްއެލް

ރަޝިއާއަށް ފައިސާ ފޮނުވުމާއި އެ ޤައުމުން ފައިސާ ބަލައިގަތުމަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށާއި، އެފަދަ މުއާމަލާތްތައް ހުއްޓާލައިފި ކަމަށް ފަތުރަމުންދަނީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފިއެވެ.

މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބީއެމްއެލްގެ ތަރުޖަމާން މުޙައްމަދު ސަޢީދު ވިދާޅުވީ، މިކަމާ ގުޅޭގޮތުން ބޭންކުގެ ފަރާތުން މީޑިއާއަކަށް އެއްވެސް ބަޔާނެއް ނުވަތަ މަޢުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށެވެ.

"ބޭންކް އޮފް މޯލްޑިވްސް އިން ރަޝިއާއިން ފޮނުވާ ނުވަތަ އެ ޤައުމާ ގުޅުންހުރި ފައިސާގެ މުއާމަލާތްތައް ހުއްޓުވުމަށް ވަކި ޚާއްޞަ ސިޔާސަތެއް ކަނޑައަޅާފައެއް ނުވެއެވެ،" ސަޢީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ، އެހެން ބޭންކުތަކެކޭ އެއްފަދައިން، ބޭރު ފައިސާގެ މުއާމަލާތްތައް، ޚާއްޞަކޮށް އެމެރިކާ ޑޮލަރުގެ މުއާމަލާތްތައް ނިންމުމުގައި ބީއެމްއެލްއިން ބަރޯސާވަނީ ބައިނަލްއަޤުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކަށް ކަމަށެވެ. އެ ބޭންކުތަކުން އަމަލުކުރަނީ އެ ފަރާތްތަކުގެ އަމިއްލަ ފިޔަވަޅުތަކާއި ކޮމްޕްލަޔަންސް ސިޔާސަތުތަކަށް ކަމަށާއި، އޭގެ ތެރޭގައި މުއާމަލާތްތަކުގައި ބައިވެރިވާ ފަރާތްތަކާއި އެ މުއާމަލާތްތަކުން ހަގީގީ މަންފާ ލިބޭ ފަރާތްތައް ބަލައި ސްކްރީންކުރުން ހިމެނޭ ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

މިފަދަ ސިޔާސަތުތަކުގެ ތެރެއަށް ފެތޭ މުއާމަލާތްތައް ކޮރެސްޕޮންޑެންޓް ބޭންކުތަކުން ބަލައިނުގަތުމަކީ ނުވަތަ އަނބުރާ ފޮނުވާލުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އެފަދަ ނިންމުންތައް ނިންމުމުގެ ފުރިހަމަ އިޚްތިޔާރު އޮންނަނީ ކޮރެސްޕޮންޑެންޓް ބޭންކުތަކަށް ކަމުން ބީއެމްއެލްއިން އެ ނިންމުންތަކަށް އަމަލުކުރަން ޖެހޭ ކަމަށް ސަޢީދު ވިދާޅުވިއެވެ.

ހަގީގަތާ ޚިލާފު މިފަދަ ޚަބަރުތަކުން ރާއްޖޭގެ ފަތުރުވެރިކަމަށާއި އިޤްތިޞާދަށް ނޭދެވޭ އަސަރު ކުރުން އެކަށީގެންވާ ކަމަށް ބޭންކުން ދެކޭ ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު