ދިވެހި ރައްޔިތުންނަށް ޔޫރަޕުގެ ޤައުމުތަކުން އޮން-އެރައިވަލް ވިސާ ލިބޭ، ނުވަތަ ވިސާއާ ނުލައި ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް މިރޭ ބޭއްވި "އަހާ" ފޯރަމުގައި ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އިރުތިޝާމް ވިދާޅުވީ، ބޭރު ޤައުމުތަކާއެކު އޮންނަ ގުޅުންތައް ބަދަހިކޮށް ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެއް ކަމަށެވެ.
ރާއްޖެއަކީ ޔޫރަޕުގެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމަކަށް ވާއިރު، ދިވެހިން ވެސް ތަޢުލީމު ހާސިލުކުރުމަށާއި ޗުއްޓީ ހޭދަކުރުމަށް އަދި އާއިލާތަކާއެކު އުޅުމަށް ޔޫރަޕަށް ދަތުރުކުރާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ޝެންގަން ވިސާ ދިވެހިންނަށް ވީހާވެސް ލުއިފަސޭހަކޮށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ސަރުކާރުން ބާރުއަޅަމުންދާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ކުރިން ޝެންގަން ވިސާއަށް އެދެން ޖެހެނީ ސްރީލަންކާއިންނެވެ. ނަމަވެސް ދާދިފަހުން ރާއްޖޭގައި ހުންނަ ވީއެފްއެސް އޮފީސް މެދުވެރިކޮށް ވިސާއަށް އެދި ހުށަހެޅޭ އިންތިޒާމު ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން، މިއަހަރުގެ ތެރޭގައި ވެސް ޔޫރަޕިއަން ޔޫނިއަނާއި ޔޫރަޕުގެ ވަކިވަކި ޤައުމުތަކާއެކު ރަސްމީ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށާއި، އޭގެ މައިގަނޑު މަޤްޞަދަކީ ވިސާ ހޯދުމުގެ ކަންކަން މިހާރަށްވުރެ ފަސޭހަކޮށްދިނުން ކަމަށް އިރުތިޝާމް ވިދާޅުވިއެވެ.
އަދި އެހެން ޤައުމުތަކާއެކު ބާއްވާ ބައިލެޓަރަލް ޕޮލިޓިކަލް ކޮންސަލްޓޭޝަންތަކުގެ ތެރެއިން، ދިވެހިންނަށް އެއާޕޯޓުތަކުން އޮން-އެރައިވަލް ވިސާ ލިބޭނެ ގޮތް ހެދުމަށާއި ކުރިން ވިސާ ނަގަން ނުޖެހޭ ގޮތަށް އެއްބަސްވުންތައް އެކުލަވާލުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިރުތިޝާމް ވިދާޅުވީ، ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ރާއްޖޭގެ މިނިވަންކަމާއި ޤައުމީ މަޞްލަޙަތު ހިމާޔަތްކުރުމާއެކު، ބޭރު ދުނިޔޭގައި ދިވެހި ރައްޔިތުންނަށް އިޙްތިރާމް ލިބިގެންވާ ބައެއްގެ ގޮތުގައި ހަދައި، ދަތުރުފަތުރުކުރުމުގައި ފުރިހަމަ ލުއިފަސޭހަތައް ހޯދައިދިނުން ކަމަށެވެ.






