Monday, November 9
ރަސްމާލެ ހިއްކުމަށް ޚަރަދުވާނީ 330 މިލިއަން ޑޮލަރު: މިނިސްޓަރު މުއްޠަލިބް

މުޅި ރަސްމާލޭގެ 1،009 ހެކްޓަރުގެ ބިން ހިއްކުމަށް ދައުލަތުން ޚަރަދުވާނީ ގާތްގަނޑަކަށް 330 މިލިއަން ޑޮލަރު ކަމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ "އަހާ" ފޯރަމުގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށި ދުވަސްވަރު އެކަމަށް 500 މިލިއަނާއި 700 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ޚަރަދުވާނެ ކަމަށް ލަފާކުރެވުނު ކަމަށެވެ. އޭރު އެ އަދަދު ހިސާބުކުރީ ކުރީގެ ސަރުކާރުން ގުޅިފަޅާއި ގިރާވަރުފަޅު ހިއްކުމަށް ހިނގި ޚަރަދަށް ބަލައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށްގެން، ވީހާވެސް ޚަރަދު ކުޑަކުރުމަށް މަސައްކަތްކުރުމުން މުޅި ރަސްމާލެ ހިއްކުމަށް ހިނގާނީ ގާތްގަނޑަކަށް 330 މިލިއަން ޑޮލަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ ތެރެއިން 500 ހެކްޓަރަށް ޚަރަދުވާނީ ގާތްގަނޑަކަށް 160 މިލިއަން ޑޮލަރު ކަމަށްވެސް ވިދާޅުވިއެވެ.

"މާނައަކީ މުޅި ރަސްމާލޭގެ 1،009 ހެކްޓަރު ހިއްކުމަށްޓަކައި ދައުލަތުން ޚަރަދުވާނެ ކަމަށް ލަފާކުރެވޭ އަދަދަކީ 330 މިލިއަން ޑޮލަރޭ،" މިނިސްޓަރު މުއްޠަލިބް ވިދާޅުވިއެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް މިއަހަރު ނިމެންވާއިރަށް ނިންމުމަށް އަމާޒުހިފާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ރަސްމާލެ ހިއްކުމަށް 700 މިލިއަން ޑޮލަރު ޚަރަދުވާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ސިޔާސީ ބޭނުމަށް ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ދައްކާ ވާހަކަތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި 330 މިލިއަން ޑޮލަރުގެ ބޮޑު ބައެއް ދައްކާފައިވަނީ، ޑޮލަރުގެ ދަތިކަމަށް އަސަރު ނުކުރާނެހެން ދިވެހި ރުފިޔާއިން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެއިން 500 ހެކްޓަރުގެ ބިމެއް ރިއަލް އެސްޓޭޓް މަޝްރޫޢަކަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު