އާންމު ތަނެއްގައި ގާބުރިއެއް ހިފައިގެން އުޅެނިކޮށް ހައްޔަރުކުރި އަންހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ އަންހެނެކެވެ. އޭނާގެ މައްޗަށް ކުރަނީ އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ކުރުމުގެ ތުހުމަތެވެ.
އޭނާގެ ބަންދަށް ކޯޓުން މީގެ ކުރިން ވެސް ވަނީ 15 ދުވަސް ޖަހާފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައިވާއިރު، އެ ހެކިތަކުގެ ތެރޭގައި ސީނަށް ދިޔަ ފުލުހުންގެ ފަރާތުން ހުށަހަޅާފައިވާ ތަކެތި ހިމެނެއެވެ.
އަދި މި މައްސަލައިގައި އޭނާގެ ފަރާތުން ދެއްކި ވާހަކަތަކާއި ތަހުގީގަށް ދީފައިވާ ބަޔާނުގައި ފުށުއެރުންތަކެއް ހުރި ކަމަށް ވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.






