Monday, November 9
ހުއްޓިފައި އޮތް ހުޅުމާލޭ ވޯޓާ ތީމް ޕާކުގެ މަސައްކަތް އަލުން ފަށަނީ

ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް ހުޅުމާލޭ ވޯޓާ ތީމް ޕާކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ މަޝްރޫޢު ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެންމެ ފަހުން ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު މަޢުލޫމާތު ދެއްވި ގޮތުގައި، ތީމް ޕާކުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި، އެންމެ ގިނަވެގެން ދޮޅު އަހަރު ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހުއްޓިފައިވާ މަޝްރޫޢުތަކުގެ ތެރެއިން، ވޯޓާ ތީމް ޕާކަކީ އެންމެ އަވަހަށް ނިމި ހަޤީޤަތަކަށް ވާނެ މަޝްރޫޢެއް ކަމުގެ ޔަޤީންކަން ވެސް ރައީސް ދެއްވިއެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ނިރޮޅު މަގު ނިމޭ ހިސާބުގައި އޮންނަ ބިމުގައި ވޯޓާ ތީމް ޕާކު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. އެކި ސަބަބުތަކާ ހުރެ މަޝްރޫޢު ހުއްޓިފައި އޮތް ނަމަވެސް، އެތަނުގެ ކޮންކްރީޓްގެ މަސައްކަތުގެ ގިނަ ބައެއް ވަނީ ނިމިފައެވެ.

ތީމް ޕާކުގައި ވޯޓާ ސްލައިޑްތަކާއި ކިޑްސް ޕޫލް، ބަމްޕާ ބޯޓްސް، ވޯޓާ ރޯލާސް އަދި ރިވާ ހިމެނޭ ގޮތަށް ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ޚާއްޞަ ގިނަ ވަސީލަތްތަކެއް ޤާއިމުކުރުމަށް ރާވާފައިވާއިރު، އޯވާ ވޯޓާ ރެސްޓޯރެންޓަކާއި ސްޕާއަކާއެކު ހޮޓަލެއް އެޅުމަށް ވެސް ޕްލޭންގައި ހިމެނެއެވެ.

މީގެ އިތުރުން، ހުޅުމާލޭގައި ބޯލިން އެރީނާއެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އިންޑޯ ފުޓްސަލް ކޮމްޕްލެކްސްއަކާއި ނެޓްބޯޅަ ކޮމްޕްލެކްސްއެއްގެ މަސައްކަތް ވެސް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު