Monday, November 9
ފަތުރުވެރިކަމުގެ މަންފާ ހުރިހާ ރައްޔިތުންނަށް ބެހިގެންދާނެ ކުންފުންޏެއް ރައީސް އުފައްދަވައިފި

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ އިޤްތިޞާދީ މަންފާ އެއްވެސް ތަފާތުކުރުމެއް ނެތި ހުރިހާ ދިވެހި ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއެކު ބެހިގެންދާނެ ގޮތް ހަމަޖެއްސުމަށް، ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.

"ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން" ގެ ނަމުގައި އުފައްދަވާފައިވާ މި ކުންފުންޏަކީ ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. ކުންފުނި އުފައްދަވާފައިވަނީ ކުންފުނީގެ ޤާނޫނުގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2026/19 އިންނެވެ.

ސަރުކާރުން ހާމަކުރި ގޮތުގައި، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަޅުތަކާއި ފަޅުރަށްތަކާއި ޤުދުރަތީ ވަސީލަތްތަކުގެ އަގު މަތިކޮށް، އަންނަން އޮތް ޖީލުތަކަށް ދިގުމުއްދަތުގެ މަންފާ ލިބޭނެ އިންވެސްޓްމަންޓް ޕޯޓްފޯލިއޯއެއް ބިނާކުރުމަކީ ވެސް މި ކުންފުނި އުފެއްދުމުގެ މަޤްޞަދެކެވެ.

މި ކުންފުނިން ތިމާވެށި ރައްކާތެރިކުރުމާއި އިއާދަކުރަނިވި ހަކަތައަށް އިސްކަންދީގެން، ބައިނަލްއަޤްވާމީ ފެންވަރުގެ ރިސޯޓުތަކާއި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވަސީލަތްތައް ތަރައްޤީކޮށް ހިންގާނެއެވެ. އަދި ދިވެހިންނަށް ވަޒީފާއާއި ފަންނީ ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދީ، ޤައުމީ އިޤްތިޞާދަށް ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް ވެސް ކުންފުނިން މަސައްކަތްކުރާނެއެވެ.

ދިވެހި ކޮންމެ ރައްޔިތަކަށް ރިސޯޓުތަކުގެ ހިއްސާ ލިބޭނެ ނިޒާމެއް ޤާއިމުކުރައްވާނެކަން ރައީސް އިޢުލާންކުރެއްވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އެގޮތުން، ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްޤީކޮށް، އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑުބައެއް އަހަރަކު އެއްފަހަރު ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން ޖަމާކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވެފައިވަނީ، މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭ ހުރިހާ ރިސޯޓެއްގެ ހިއްސާދާރަކީ ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތެއް ކަމުގައި ޤާނޫނަކުން ކަނޑައަޅުއްވާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު