Monday, November 9
ސިޔާސީ މަޤާމުތަކުގައި ތިއްބެވި 130 އަށްވުރެ ގިނަ ބޭފުޅުން އޭއައި ތަމްރީނުގައި ބައިވެރިވެއްޖެ

ސަރުކާރުގެ ސިޔާސީ މަޤާމުތަކަށް އައްޔަންކޮށްފައިވާ ބޭފުޅުންނަށް އަމާޒުކޮށް "ޑިޖިޓަލް ފޯ އޯލް" ކެމްޕެއިންގެ ދަށުން ހިންގާ ޑިޖިޓަލް އަދި އޭއައި ތަމްރީނުތަކުގައި 130 އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވެއްޖެއެވެ.

މި ތަމްރީނު ޕްރޮގްރާމްގެ ފުރަތަމަ ބެޗު ބޭއްވީ ހުސްވި ހަފުތާގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ދެވަނަ ބެޗުގެ ތަމްރީނުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 8 އަދި 9 ވަނަ ދުވަހު، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

"ޑިޖިޓަލް އެންޑް އޭއައި އެސެންޝަލްސް" ގެ ނަމުގައި ހިންގާ މި ތަމްރީނު ކުރިއަށްގެންދަނީ މައިންޑްކޯގެ ފިއުޗަރ އިންސްޓިޓިއުޓުންނެވެ. މައިންޑްކޯއިން ހާމަކުރި ގޮތުގައި، ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކުގައި އޭއައި ޓޫލްސް ބޭނުންކުރާނެ ގޮތާއި، ޒިންމާދާރު ގޮތެއްގައި އޭއައި ބޭނުންކުރުމާއި، އޭއައިން އުފައްދާ މައުލޫމާތާމެދު ފުންކޮށް ވަޒަންކުރާނެ ގޮތްތައް ބައިވެރިންނަށް ދަސްކޮށްދެއެވެ. އަދި އޭއައި ބޭނުންކުރުމުގައި ދިމާވެދާނެ ނުރައްކާތައް ދެނެގަތުމާއި މައުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމުގެ މުހިންމުކަމަށް ވެސް އަލިއަޅުވާލެއެވެ.

ކެމްޕެއިންގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ސިޔާސީ މަޤާމުތަކަށް އައްޔަންކޮށްފައިވާ ގިނަ މުވައްޒަފުންނަށް މި ތަމްރީނު ފޯރުކޮށްދިނުމެވެ. ސަރުކާރުގެ ކޮންމެ މުވައްޒަފަކަށް ވެސް އައު ޓެކްނޮލޮޖީތަކަށް އަހުލުވެރިވުމަށް ބޭނުންވާ އިލްމާއި ހުނަރު ލިބިފައިވާކަން ކަށަވަރުކުރުމަކީ، ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު "މޯލްޑިވްސް 2.0" ރޯޑްމެޕްގެ 7 ވަނަ ތަނބުގެ ދަށުން ހާސިލުކުރަން ބޭނުންވާ މުހިންމު އަމާޒެކެވެ.

15 ސެޕްޓެމްބަރު 2026 ގައި ތަމްރީނު ސެޝަންތައް ފެށުމަށްފަހު، މި ކެމްޕެއިން ދައުލަތުގެ 8 މުއައްސަސާއަކަށް ފުޅާކުރެވި، 600 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ތަމްރީނުކުރެވިފައެވެ. އެގޮތުން، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުގެ މުވައްޒަފުން ތަމްރީނުގައި ބައިވެރިކޮށްފައިވާއިރު، މި ހަރަކާތުގައި ބައިވެރިވި ފުރަތަމަ ސަރުކާރު ހިއްސާވާ ކުންފުންޏަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު