Tuesday, November 10
ރާއްޖޭގެ ކޮންމެ ހިސާބެއްގައި ވެސް އެއް ފެންވަރެއްގެ ފުލުހުންގެ ޚިދުމަތް ލިބެންޖެހޭ: ލަޠީފް

ކިތަންމެ އެކަހެރި ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށް ވިޔަސް، ފުރަމާލޭގައި ދިރިއުޅޭ މީހަކާ އެއްފަދައިން ފުރިހަމަ އިޙްތިރާމާއި ސަމާލުކަމާއެކު ޕްރޮފެޝަނަލް ފުލުހުންގެ ޚިދުމަތެއް ޙައްޤުވާނެ ކަމަށް ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އިބްރާހީމް ލަޠީފް ވިދާޅުވެއްޖެއެވެ.

ލަޠީފް މިހެން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުން 2027 ވަނަ އަހަރަށް އިސްކަންދޭ ދާއިރާތަކާއި އަހަރީ އެކްޝަން ޕްލޭން އެކުލަވާލުމަށް އިސްކަންދަރު ކޮށީގައި ކުރިއަށްގެންދާ "އެންސީޕީއެލްއީ އެނުއަލް ޕޮލިސިންގ ކޮންފަރެންސް 2026" ގެ ބައިވެރިންނާ މުޚާޠަބު ކުރައްވަމުންނެވެ. އެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އަދި ފުލުހުންގެ ސީނިއަރ އެގްޒެކެޓިވް އޮފިސަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ލަޠީފް ވިދާޅުވީ، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ރައްޔިތަކަށް ނުވަތަ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިއަކަށް ވިޔަސް، އެއް ފެންވަރެއްގެ ޕްރޮފެޝަނަލް އަދި އޯގާތެރި ފުލުހުންގެ ޚިދުމަތެއް ލިބުމަކީ ކަށަވަރުވާންޖެހޭ އަސާސީ ޙައްޤެއް ކަމަށާއި، ޤައުމުގެ ޖިއޮގްރަފީގެ ތަފާތަކީ ޚިދުމަތުގެ ފެންވަރު ކަނޑައަޅާ އަސާސަކަށް ވެގެން ނުވާނެ ކަމަށެވެ. އެގޮތުން، އައްޑޫ ސިޓީ ހިތަދޫގައި އަނިޔާގެ ޝިކާރައަކަށްވާ ފަރާތަކަށް ލިބޭ އަޅާލުމާއި އެހީތެރިކަން، ހއ. ތުރާކުނުގައި ހުންނަ ފަރާތަކަށް ވެސް ހަމަ އެ މިންވަރަށް ލިބެންޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންގެ ޚިދުމަތަކީ ސައިންސާއި ފަންނު އެކުލެވިގެންވާ ކަމެއް ކަމަށާއި، ހެއްކާއި އިންޓެލިޖެންސާއި ޓެކްނޮލޮޖީއާއެކު އޯގާތެރިކަމާއި އިންސާނިއްޔަތުކަން އިސްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ލަޠީފް ވިދާޅުވިއެވެ. ހައްޔަރުކުރުމާއި ތަޙުޤީޤުކުރުމުގެ ބާރުތަކަށްވުރެ އޯގާތެރިކަން މާ މުހިންމުވާ ދަނޑިވަޅުތައް އަންނާނެ ކަމަށާއި، އަނިޔާގެ ޝިކާރައަކަށްވާ މީހަކަށް ނުވަތަ ބޮޑު ހިތާމައެއް ކުރިމަތިވެފައިވާ ޢާއިލާއަކަށް އެހީތެރިވާ ވަގުތު އެމީހުން ބަލާނީ ކޮނޑުގައިވާ ރޭންކަކަށް ނޫން ކަމަށާއި، ޔުނިފޯމްގެ ފަހަތުގައިވާ އިންސާނާއަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުށް މަދުކުރުމުގައި އެންމެ އެދެވޭ ނަތީޖާއެއް ނެރެވެނީ ކުށް ހިނގުމުގެ ކުރިން މުޖުތަމަޢާ ގުޅިގެން ކުރެވޭ "ޕްރޯއެކްޓިވް" މަސައްކަތުން ކަމަށް ވިދާޅުވެ، ލަޠީފް ވަނީ ވެސްޓަރން އޮސްޓްރޭލިއާ ޕޮލިސްގެ ސްޓްރެޓީޖިކް އެޑްވައިޒަރަކަށް ހުންނެވި ދުވަސްވަރު އެކުލަވާލެއްވި ތިން މަރުޙަލާގެ ކޮމިއުނިޓީ މޮޑެލްގެ ތަޖުރިބާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ފްރަންޓްލައިން އޮފިސަރުން ސްކޫލްތަކާއި ބެލެނިވެރިންނާ ގުޅުން ބަދަހިކުރުމާއި، މިޑް-ލެވެލް މެނޭޖްމަންޓުން ކައުންސިލްތަކާއި މަދަނީ ޖަމްޢިއްޔާތަކާ ގުޅުން ޤާއިމުކުރުމުގެ އިތުރުން، އެގްޒެކެޓިވް ލެވެލްގައި މުޖުތަމަޢުގެ އިސް ފަރާތްތަކާ ވިލަރެސްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޑިސިޕްލިން ފެށެންޖެހޭނީ ލީޑަރޝިޕުން ކަމަށް ވިދާޅުވެ، ބޭރުގެ އެކި ނުފޫޒުތަކަށް ޖާގަ ނުދީ ޗެއިން އޮފް ކޮމާންޑް ހިފެހެއްޓުމަށް ލަޠީފް ވަނީ އޮފިސަރުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ނަޒާހަތްތެރިކަން ގެއްލޭފަދަ އެއްވެސް ކަމެއްގައި ބައިވެރިނުވެ، ކޮމިޝަނަރ އޮފް ޕޮލިސްގެ ފަހަތްޕުޅުގައި ސާބިތުވެ ތިބެ، މުއައްސަސާގެ އަގުތަކާއި ފަޚުރުވެރި ތަރިކަ ރައްކާތެރިކުރުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ނޮވެމްބަރު 8 އިން 10 އަށް ކުރިއަށްދާ މި ކޮންފަރެންސް ބާއްވަނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި ސްޓްރެޓީޖިކް ޕްލޭނިންގ އެންޑް ލީގަލް ސަރވިސަސް ގުޅިގެން، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އިސްނެންގެވުމުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު