މީޑިއާތަކާއި މީސްމީޑިއާ ޕްލެޓްފޯމްތަކާއި އޮންލައިން ޚިދުމަތްދޭ ފަރާތްތަކަށް ހިނގާނެ ގޮތަށް، އަބުރާ ބެހުމުގެ މައްސަލަތަކުގައި ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ އުސޫލުތައް ކަނޑައަޅާ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤުގެ ބިލު ހުށަހަޅުއްވާފައިވަނީ ވެރިކަންކުރާ ޕީއެންސީގެ ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލެވެ.
ބިލުގައިވާ ގޮތުން އަބުރާ ބެހުމަކީ މަދަނީ ކުށެކެވެ. ބްރޯޑްކާސްޓުކުރާ މީޑިއާ ވެސް މި ބިލުގެ ދަށަށް ހިމެނެއެވެ.
ވެބްސައިޓް، ސޯޝަލް މީޑިއާ، އޮންލައިން ނޫސް ނުވަތަ ބްލޮގް ފަދަ އިންޓަނެޓް މެދުވެރިކޮށް އާންމުކުރާ އެއްވެސް ވަސީލަތެއްގައި، ވަކި ފަރާތެއްގެ އަބުރާ ބެހޭ ފަދަ އެއްޗެއް ޝާއިޢުކުރުން ބިލުން މަނާކުރެއެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ދައްކާ ވާހަކައަކުން ނުވަތަ ލިޔާ ލިއުމަކުން ނުވަތަ ކުރަހާ ކުރެހުމަކުން ނުވަތަ އިންޓަނެޓާއި ޓީވީ ފަދަ ވަސީލަތްތައް މެދުވެރިކޮށް ދޮގު މަޢުލޫމާތު ދީގެން، އެ ބަސް ނިސްބަތްވާ ފަރާތަކަށް ކުރަމުން އައި އިޙްތިރާމް ގެއްލި، އެ ފަރާތާމެދު މުޖުތަމަޢުގައި ނަފްރަތު އުފެދޭ ގޮތް ވުމަކީ އަބުރާ ބެހުމެވެ. ނަމަވެސް، މީހަކަށް ނިސްބަތްކޮށް ބުނާ ބަހަކީ ތެދު ޙަޤީޤަތެއް ނަމަ، އެއީ އަބުރާ ބެހުމެއް ނޫން ކަމަށް ބިލުގައިވެއެވެ.
އަބުރާ ބެހުމުގެ ދައުވާކުރާ ފަރާތަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބިދެވޭނީ، ލިބުނު ގެއްލުމުގެ ކުޑަބޮޑު މިނަށް ބަލައި 50،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.
ބިލުގައިވަނީ، އަބުރާ ބެހުމުގެ ދައުވާއެއް އުފުލަންވާނީ އެއް އަހަރު ހަމަވުމުގެ ކުރިން ކަމަށާއި، ޝަރީޢަތަށް ހުށަހެޅޭ ތާރީޚުން ފެށިގެން ގިނަވެގެން ހަ މަހުގެ ތެރޭގައި މައްސަލައިގައި ގޮތެއް ނިންމަންޖެހޭނެ ކަމަށެވެ.
މީގެ އިތުރުން، މައްސަލަ ކޯޓުން ބޭރުގައި ޙައްލުކުރުމަށް، އާންމުކޮށްފައިވާ މަޢުލޫމާތަށް އެކަށީގެންވާ އިޞްލާޙެއް ގެނައުމާއި މާފަށް އެދުމާއި، ގެއްލުމުގެ ބަދަލު ދިނުން ފަދަ ގޮތްތައް ހުށަހެޅޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.






