Monday, November 9
ޓާޝަރީ ހޮސްޕިޓަލްތައް އެއް ވިއުގައަކުން ހިންގުމުން ޚިދުމަތް އަވަސްވެ ހަރަދު ކުޑަވާނެ: ރައީސް

ރާއްޖޭގެ ޓާޝަރީ ހޮސްޕިޓަލްތައް އެއް ވިއުގައެއްގެ ދަށުން، އެއް މެނޭޖްމަންޓަކުން ހިންގަން ފެށުމާއެކު ސިއްޙީ ޚިދުމަތްތައް އަވަސްވެ، ދައުލަތުގެ ހަރަދު ކުޑަވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފެއްދެވީ ޓާޝަރީ ހޮސްޕިޓަލްތައް އެއް މެނޭޖްމަންޓެއްގެ ދަށުން  ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ކަމަށެވެ.

އެއް ވިއުގައަކުން ހޮސްޕިޓަލްތައް ހިންގުމުން ވަސީލަތްތައް ތަކުރާރުވުން ނައްތާލެވޭނެ ކަމަށާއި، ގްރޫޕުގައި ހިމެނޭ ހުރިހާ ހޮސްޕިޓަލަކުން ވެސް އެންމެ މަތީ ފެންވަރުގެ ސިއްޙީ ފަރުވާ ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ބަދަލާއެކު ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިވެ، ޚިދުމަތް އަވަސްވެގެންދާނެ ކަމަށް ވިދާޅުވި ރައީސް، ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި މުޅި ނިޒާމު ބަދަލުކޮށް ނިންމާލެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިތުރުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ގަން ރީޖަނަލް ހޮސްޕިޓަލާއި، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑުތައް އުވާލައްވައި، "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފައްދަވާފައިވަނީ މި މަހުގެ 3 ވަނަ ދުވަހުގައެވެ.

އައު އިންތިޒާމުގެ ދަށުން، ގްރޫޕުގެ ގަވަރނިންގ ބޯޑާއި ގްރޫޕުގެ ދަށުން ހިންގާ ހޮސްޕިޓަލްތަކުގެ ކަންކަން ވިލަރެސްކުރުމުގެ މަސްއޫލިއްޔަތު ރައީސް ވަނީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސްއާ ހަވާލުކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު