Monday, November 9
ސަރުކާރުގައި މުވައްޒަފުން ތިބީ ބޭނުންވާ ވަރަށްތޯ ބަލަން އޮޑިޓެއް ހަދަން ވިސްނަނީ: މިނިސްޓަރު ޒަރީރު

ސަރުކާރުގެ މުއައްސަސާތަކުގައި މުވައްޒަފުން ތިބީ ބޭނުންވާ ވަރަށްތޯ ބަލައި، ބޭނުންވާ މުވައްޒަފުންގެ އަދަދު ދެނެގަތުމަށް އަންނަ އަހަރު އެޗްއާރު އޮޑިޓެއް ހެދުމަށް ވިސްނަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށްޓަކައި އަންނަ އަހަރު އައު މަގާމުތައް ނުއުފެއްދުމަށާއި، ކޮންމެހެން ބޭނުންވާ މަގާމުތަކަށް ނޫނީ މުވައްޒަފުން ނުނަގަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށެވެ.

މި އޮޑިޓް ކުރުމަށް ވިސްނާފައިވަނީ ފިނޭންސް މިނިސްޓްރީއާއި ޕޭ ކޮމިޝަން ގުޅިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޮޑިޓުގެ މައިގަނޑު މަޤްޞަދަކީ މުއައްސަސާތަކަށް ބޭނުންވާ ވަރަށް މީހުން ހަމަޖެއްސުމާއި، ބޭނުންވާ ވަރަށްވުރެ ގިނަ މުވައްޒަފުން ތިބިނަމަ، އެމީހުން ބޭނުންވާ ދާއިރާތަކަށް ބަދަލުކުރުން ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓު ފޮތުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، އަންނަ އަހަރު ސަރުކާރު މުވައްޒަފުންގެ މުސާރައަށް 7.91 ބިލިއަން ރުފިޔާ އަދި މުވައްޒަފުންގެ އިނާޔަތްތަކަށް 6.51 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެގޮތުން، އަންނަ އަހަރު ސަރުކާރު މުވައްޒަފުންނަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ޖުމްލަ 14.4 ބިލިއަން ރުފިޔާ ޚަރަދުވާނެއެވެ. މިއީ މި އަހަރު ސަރުކާރު މުވައްޒަފުންނަށް ޚަރަދުކުރި އަދަދަށްވުރެ 492.8 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯގެ 2023 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ސިވިލް ސާވިސްގައި 30,127 މުވައްޒަފުން މަސައްކަތްކުރެއެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 41,000 އަށްވުރެ ގިނަ މުވައްޒަފުން ތިބި ކަމަށް ފިނޭންސް މިނިސްޓަރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރު ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، އެ އަދަދު އިތުރުވެފައިވާއިރު، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް މިދިޔަ އޭޕްރިލް މަހު ވަނީ އަންގާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު