އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދަށް ކުރެވޭ ތުހުމަތުތަކަކީ ކުޑަކުއްޖަކާ ގުޅިފައިވާ ވަރަށް ސީރިއަސް ތުހުމަތުތަކެއް ކަމަށާއި، އެއީ ސިޔާސީ މައްސަލައެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރުން ސިޔާސީ ބޭނުމެއްގައި އެއްވެސް ސިޔާސީ ފަރާތެއް ހައްޔަރު ނުކުރާނެ ކަމަށާއި، އެއީ މިހާތަނަށް ވެސް ސަރުކާރުން ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ. ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކަށް އަދަބެއް ނުދޭނެ ކަމަށާއި، ޝާހިދު ހައްޔަރުކުރުމަކީ އެފަދަ މައްސަލައެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އެހެންވީމަ މި ކަމުގައި އޮފެންޑާއަކީ ކޮންމެ މީހަކަށް ވިޔަސް، އެ މީހަކާ ދޭތެރޭގައި ޤާނޫނުގެ ތަފާތެއް ގެނެސްގެން ނުވާނެ. ޤާނޫނު ތަންފީޒުކުރުމުގައި އެ ކަމެއް ކުރި ކަމަށް ބެލެވޭ މީހަކާ ދޭތެރޭގައި ޑިއު ޕްރޮސެސް ފޮލޯކުރުމުގެ ފުރުޞަތު ދޭން ޖެހޭނެ ސަރުކާރުން. ޑިއު ޕްރޮސެސް ފޮލޯކުރަން ޖެހޭނެ،" ރައީސް ވިދާޅުވިއެވެ.
ޑިއު ޕްރޮސެސްއާ އެއްގޮތަށް ކަންކުރުމަށް ކުރަންޖެހޭ ކަންކަމަށް ސަރުކާރުން ހުރަހެއް ނާޅާނެ ކަމަށާއި، ޤާނޫނީ ވެރިކަމާއި ޤާނޫނުއަސާސީ ނެގެހެއްޓުމާއި އިންސާނީ ޙައްޤުތައް ހިމާޔަތްކުރުން ޔަޤީންކޮށްދޭން ޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޝާހިދު ހައްޔަރުކޮށްފައިވަނީ، 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، މިދިޔަ ހޯމަ ދުވަހުގެ ރޭގައެވެ. ޖެހިގެން އައި ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 30 ދުވަސް ވަނީ ޖަހައިފައެވެ.
ޝާހިދު ހައްޔަރުކޮށްފައިވަނީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށެވެ.






