Monday, November 9
މަރުގެ އަދަބު ދަންޖައްސައިގެން ތަންފީޒުކުރާ ބިލެއް މަޖިލީހަށް ހުށަހަޅައިފި

މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާ ބެހޭ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި މަރުގެ އަދަބު ރާއްޖޭގައި ތަންފީޒުކުރެވޭނީ ދަންޖައްސައިގެންނެވެ.

ބިލު މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ގުރައިދޫ ދާއިރާގެ މެންބަރު ޙަނާން މުޙައްމަދު ރަޝީދެވެ. ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި އިއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

ބިލު ހުށަހެޅުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ، ގާނޫނުއަސާސީއާއި ބައިނަލްއަގުވާމީ އުސޫލުތަކުގެ އިތުރުން އާންމު ރައްޔިތުންނާއި ކުށްވެރިޔާގެ ހައްގުތަކަށް ރިޢާޔަތްކޮށް، ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރާ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ތައާރަފްކުރުމެވެ.

ބިލުގައި މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމުގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ގޮތުގައި ވާރިސުން އެއްބަސްވުމާއި، ޝަރީއަތުގެ ހުރިހާ މަރުހަލާއަކުން މައްސަލަ ބެލުމާއި، އަދުލުވެރި އަދި ހަމަހަމަ ޝަރީއަތެއް ހިންގުމާއި، ކުށްވެރިޔާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިދިނުން ހިމަނާފައިވެއެވެ.

މީގެ އިތުރުން، މަރުގެ އަދަބު ކަނޑައެޅުމުގައި ދައުލަތުން ފުރިހަމަކުރަންޖެހޭ ޒިންމާތަކާއި، އަދަބު ކަނޑައެޅޭ މީހާއަށް ލިބިދޭ ހައްގުތަކާއި، އަދަބު ތަންފީޒުކުރުން ފަސްކުރަންޖެހޭ ނުވަތަ މަނާވާ ހާލަތްތައް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

އަދަބު ތަންފީޒުކުރުމަށްޓަކައި ހަތް މެންބަރުންގެ ޕެނަލެއް އެކުލަވާލަންޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އަދި މަރުގެ އަދަބު އާންމުކޮށް ފެންނާނެ ތަނެއްގައި ތަންފީޒުކުރުން ބިލުން މަނާކޮށްފައިވެއެވެ.

ރާއްޖޭގެ ޤާނޫނުލްއުޤޫބާތުގައި މަރުގެ އަދަބު ކަނޑައެޅިފައި އޮވެ، ޝަރުޢީ ތިން މަރުޙަލާ ނިމި ޙުކުމް ސާބިތުވެފައިވާ މީހުން ތިބި ނަމަވެސް، ފާއިތުވި އެއްވެސް ސަރުކާރަކުން އެ އަދަބު ތަންފީޒުކޮށްފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވިއެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވާތީ ޤިޞާޞް ހިފުމަކީ ދައުލަތުން ތަންފީޒުކުރަންޖެހޭ ކަމެއް ކަމަށާއި، ޤިޞާޞް ހިފުމުގައި ދިރުމެއް ވާކަން ކީރިތި ޤުރުއާނުގައި ބަޔާންވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުގެ ސިޔާސަތަކީ ޤާނޫނުގައިވާ ގޮތުގެ މަތިން ޤިޞާޞް ތަންފީޒުކުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު