Monday, November 9
މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ: މެޓް

މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން މެޓް އޮފީހުން ބުނީ، އުތުރުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި ރާއްޖޭގެ އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ. އަދި ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

ރާޅުގެ އުސްމިން އުތުރުގެ ސަރަޙައްދުތަކުގައި ހުންނާނީ 2 ފޫޓާއި 4 ފޫޓާ ދެމެދުގައެވެ. މެދުރާއްޖެތެރެއާއި ދެކުނުގެ ސަރަޙައްދުތަކުގައި ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވެއެވެ.

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ، މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހުރިހާ ފަރާތްތަކަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ފަސް ދުވަހު ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ލަފާކުރެވޭތީ، އެ ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ކުރިން ވެސް ލަފާކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު