ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢަށް އެހީތެރިވުމުގެ ގޮތުން، އިންޑިއާ ސަރުކާރުން 1،200 ގަސް ހަދިޔާކޮށް ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.
އިއްޔެ ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ފަރާތުން ގަސްތައް ހަދިޔާކުރެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ޖީ. ބާލަސުބްރަމަނިއަމެވެ. އެ ގަސްތަކާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެލެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ.
ރަސްމިއްޔާތުގައި މިނިސްޓަރު އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޢަލީ ޝަރީފާއި، މިނިސްޓަރު އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަލްފާޟިލް އަޙްމަދު ޝިޔާމާއި، ޑިޕްލޮމެޓިކް ކޯގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރަސްމިއްޔާތުގައި ގަސް އިންދުން ކުރިއަށްދިޔައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު އިރުތިޝާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢާރަފްކުރެއްވި 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ މުހިންމު މަޝްރޫޢެއް ކަމަށެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސްތައް އިތުރުވެ، ހިޔާ ލިބި، ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ހިތްފަސޭހަ ތަންތަނަށް ވެގެންދާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އިންޑިއާ ސަރުކާރުގެ ފަރާތުން ލިބުނު އެހީއަށްޓަކައި ވަޒީރު ޝުކުރު އަދާކުރެއްވިއެވެ. އަދި މިއީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާއި، ރާއްޖޭގެ އިސްކަންދޭ ޤައުމީ މަސައްކަތްތަކުގައި އިންޑިއާއިން ދެމުންގެންދާ އެއްބާރުލުން ރަމްޒުކޮށްދޭ ކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.






