Monday, November 9
ކުދި ޖަޒީރާ ޤައުމުތަކުގެ މޫސުމީ ބަދަލުތަކާ ބެހޭ ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެއްޖެ

ކުރިއަށް އޮތް އދ.ގެ މޫސުމީ ބަދަލުތަކާ ބެހޭ ކޮންފަރެންސް، ކޮޕް31 ގެ މަޝްވަރާތަކަށް ތައްޔާރުވުމުގެ ގޮތުން ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ތައްޔާރީ ބައްދަލުވުމުގައި ރާއްޖޭގެ މޫސުމީ ބަދަލުތަކާ ބެހޭ ވުޒާރާގެ ފަންނީ ވަފުދުން ބައިވެރިވެއްޖެއެވެ.

މިއީ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) ގުޅިގެން ބާއްވާ ޚާއްޞަ ތައްޔާރީ ބައްދަލުވުމެކެވެ.

ވުޒާރާއިން ހާމަކުރި ގޮތުގައި، މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ ކުދި ޖަޒީރާ ޤައުމުތަކުގެ ކަންބޮޑުވުންތަކާއި، އެ ޤައުމުތަކުން ބައިނަލްއަޤުވާމީ މައިދާނުގައި ވަކާލާތުކުރާނެ މުހިންމު ދާއިރާތައް ކަނޑައަޅައި، އެއްބަސްވުންތަކަކަށް ވާސިލުވުމެވެ.

ޚާއްޞަކޮށް، މޫސުމީ ވިލުންތެރިކަން އިތުރުކުރުމަށާއި ލިބޭ ގެއްލުންތައް ކުޑަކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގައި ސިޑްސްގެ ޤައުމުތަކުގެ އެއްބައިވަންތަކަން ވަރުގަދަކުރުމަށް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ ކަމަށް ވެސް ވުޒާރާއިން ބުނެއެވެ.

ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް އޮތް ޤައުމުތަކުގެ ތެރެއިން އެއް ޤައުމު ކަމުން، މިފަދަ ބައިނަލްއަޤުވާމީ މަޝްވަރާތަކުގައި ރާއްޖެއިން އަބަދުވެސް އަންނަނީ އިސް ދައުރެއް އަދާކުރަމުންނެވެ.

އެގޮތުން، ކޮޕް31 އަށް އަމާޒުކޮށްގެން އަންތާލިޔާގައި ކުރިއަށްދާ މި ބައްދަލުވުމުގައި ވެސް ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުތައް ހިމާޔަތްކުރުމަށާއި މޫސުމީ ޢަދުލުވެރިކަން ޤާއިމުކުރުމަށް ދިވެހި ވަފުދުން ވަކާލާތުކުރާނެ ކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު