ސަރުކާރުގެ ޚަރަދުގައި އިމާރާތްކުރާ 50 އެނދުގެ މެންޓަލް ހެލްތު ހޮސްޕިޓަލް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލި ބީލަމުގެ ބިޑް ސެކިއުރިޓީ ފިނޭންސް މިނިސްޓްރީން މިއަދު ބޮޑުކޮށް، ބީލަން ހުށަހެޅުމުގެ މުއްދަތުވެސް އިތުރުކޮށްފިއެވެ.
ބީލަން ހުޅުވާލިތާ ދޮޅު މަސް ދުވަސް ފަހުން މިނިސްޓްރީން ކުރި އާ އިއުލާނެއްގައި، ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭ އަދަދު 864،000 ރުފިޔާގެ ބަދަލުގައި 900،000 ރުފިޔާއަށް ބަދަލުކޮށްފިއެވެ. ބީލަން ހުޅުވާލި ފުރަތަމަ އިއުލާން ކުރީ ސެޕްޓެންބަރު 23 ގައެވެ.
ބީލަމުގައި ބައިވެރިވުމަށް 1،500 ރުފިޔާ ބަނޑޭރިޕޭ މެދުވެރިކޮށް ދެއްކުމަށްފަހު، ރަސީދާއެކު ދަފުތަރުވާން އެދޭ ފަރާތުގެ މަޢުލޫމާތު އީމެއިލްކުރުމަށް މިނިސްޓްރީން އެދެއެވެ. އެ ފައިސާ ދެއްކުމުގެ މުއްދަތު ކުރިން އޮތީ އޮކްޓޯބަރު 20 ގެ ނިޔަލަށް ކަމަށްވާއިރު، މިހާރު އެ މުއްދަތު ނޮވެމްބަރު 18 ގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ބީލަން ޕޯޓަލް މެދުވެރިކޮށް ބީލަން ހުށަހަޅަން ކުރިން ކަނޑައަޅާފައި އޮތީ އޮކްޓޯބަރު 25 ގެ މެންދުރުފަހު 1:00 ގެ ކުރިންނެވެ. މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި އެ މުއްދަތު ނޮވެމްބަރު 23 ގެ މެންދުރުފަހު 1:00 އާ ހަމައަށް އިތުރުކޮށްފިއެވެ.
ބޭރުގެ ލޯނު އެހީ ލިބުން ލަސްވެގެން ދިޔުމުން، ސަރުކާރުގެ ސީދާ ބަޖެޓުން މި ހޮސްޕިޓަލް އަޅަން ނިންމިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވީ އޭޕްރިލް 27 ގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ލޯނު ފެސިލިޓީ ސިއްހީ ދާއިރާގެ އެހެން ކަމަކަށް ބަދަލުކުރަން މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން ހެލްތު މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވީ، މި ހޮސްޕިޓަލް އިމާރާތްކުރަން 10،000 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައިވާ ކަމަށެވެ. ނަފުސާނީ ފަރުވާއަށް ބޭނުންވާ ގިނަ ވަސީލަތްތައް ހުރީ މާލެ ސަރަހައްދުގައި ކަމަށްވާތީ، މާލެ ސަރަހައްދުގައި ހޮސްޕިޓަލް ގާއިމުކުރުން މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.






