އާދިއްތަ, November 8
ކުށް މަދުކުރަން ހަމައެކަނި ބާރުގެ ބޭނުންކުރި ޒަމާން މާޒީވެއްޖެ: ސީޕީ

ކުށްމަދުކުރުމަށް ހަމައެކަނި ޖިސްމާނީ ބާރުގެ ބޭނުންކުރި ޒަމާން މާޒީވެފައިވާ ކަމަށާއި، މިއަދުގެ ފުލުހުންނަކީ އިލްމީ ދިރާސާތަކުގެ އަލީގައި އަމަލީ މައިދާނުގައި ނަތީޖާ ނެރޭ ބަޔަކަށް ވާންޖެހޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސީޕީ މިހެން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުން 2027 ވަނަ އަހަރަށް ކަނޑައަޅާ އިސްކަންދޭ ދާއިރާތަކާއި އަހަރީ އެކްޝަން ޕްލޭން އެކުލަވާލުމަށް އަމާޒުކޮށް އިސްކަންދަރު ކޮށީގައި މިއަދު ފެށި އެންސީޕީއެލްއީ އެނުއަލް ޕޮލިސިން ކޮންފަރެންސް 2026 ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގައެވެ.

ނޮވެމްބަރު 8 އިން 10 އަށް ކުރިއަށްދާ މި ކޮންފަރެންސަކީ، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ މިނިސްޓަރު ޢަލީ އިޙްސާން އާއި ސީޕީ އަޙްމަދު މުޙައްމަދުގެ އިސްނެންގެވުމަށް، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓާއި ސްޓްރެޓީޖިކް ޕްލޭނިން އެންޑް ލީގަލް ސާވިސަސް ގުޅިގެން ބާއްވާ ކޮންފަރެންސެކެވެ.

މުޖުތަމައަށް އަންނަ ބަދަލުތަކާއެކު ފުލުހުންގެ ފަލްސަފާއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވަމުން ސީޕީ ވިދާޅުވީ، ޒަމާނީ ފުލުހުންގެ މަސައްކަތަކީ ހަމައެކަނި ކުށަކަށް ފިޔަވަޅުއަޅައި ތަހުގީގުކުރުން ނޫން ކަމަށެވެ. ކުށް އުފެދެން މެދުވެރިވާ އިޖުތިމާއީ، އިގުތިސާދީ އަދި ނަފްސާނީ އަސްލު ސަބަބުތައް ހޯދައި ދެނެގަތުން ކަމަށްވެސް ވިދާޅުވިއެވެ.

މިފަދަ މައްސަލަތަކުގެ އަޑިއަށް ވާސިލުވެވެނީ އެކަޑެމިކް ރިސާޗާއި އެވިޑެންސް ބޭސްޑް ޕޮލިސިން ތިއަރީތައް އަމަލީ މައިދާނުގައި ތަންފީޒުކޮށްގެން ކަމަށް ފާހަގަކުރެއްވިއެވެ. އަދި ފުލުހުންނަކީ ހަމައެކަނި ޖިސްމާނީ ބާރު ދައްކާ ބައެއްގެ ގޮތުގައި އޮންނަ ކުށްހީ ބަދަލުކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

މިއަދުގެ ގާބިލު ފުލުހެއްގެ ކިބައިގައި އިލްމީ ގާބިލުކަމާއި ނަފްސާނީ ދުޅަހެޔޮކަން ހުންނަންޖެހޭއިރު، ވިސްނުންތޫނުކަމާއެކު ޖިސްމާނީ ދުޅަހެޔޮކަންވެސް ފުރިހަމަވާން ޖެހޭނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

މި މަހާސިންތާގެ ތެރެއިން ހުށަހެޅޭ ދިރާސީ ކަރުދާސްތަކުން ލިބޭ މަޢުލޫމާތާއި ހޯދުންތަކަކީ ފުލުހުންގެ 2027 ވަނަ އަހަރުގެ އެކްޝަން ޕްލޭނާއި ކުރިމަގުގެ ސްޓްރެޓީޖިކް މިސްރާބު ބައްޓަންކުރުމުގެ މައިގަނޑު އަސާސް ކަމުގެ ޔަގީންކަން ސީޕީ ދެއްވިއެވެ. މަސައްކަތުގައި ހުރި ދަތިތަކާއެކުވެސް ފޯކަސް ނުގެއްލުވައި، ރައްޔިތުންނަށް ދެވޭ ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ސީޕީ އިލްތިމާސްކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު