ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ރިޓަޔާކުރައްވާތީ ހުސްވާ ފަނޑިޔާރުކަމުގެ މަޤާމަށް، ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ދެ ބޭފުޅުން ކަމަށްވާ ޢަލީ ސަމީރާއި އަބްދުއްރައޫފް އިބްރާހީމް ކުރިމަތިލައްވައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މި މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު ހަމަވީ މިއަދު ހެނދުނު 10:00 ގައެވެ. ކުރިމަތިލި ފަރާތްތަކުގެ މަޢުލޫމާތު ޖޭއެސްސީން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މި މަޤާމަށް ކުރިމަތިލައްވާފައިވަނީ މި ދެ ބޭފުޅުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ޢަލީ ސަމީރު ވަނީ ކުރިން ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ. އޭގެ އިތުރުން އެންމެ ފަހުން ހުންނެވީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ރިޓަޔާކޮށްދިނުމަށް ޖޭއެސްސީން ނިންމުމާ ގުޅިގެން، އެ ކޯޓުން ހުސްވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.






