2027 ވަނަ އަހަރަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިސްކަންދޭ ދާއިރާތަކާއި އަހަރީ އެކްޝަން ޕްލޭން އެކުލަވާލުމަށް ބާއްވާ ކޮންފަރެންސް މިއަދު ފަށައިފިއެވެ.
ނޮވެމްބަރު 8 އިން 10 އަށް އިސްކަންދަރު ކޮށީގައި ކުރިއަށްދާ މި ތިން ދުވަހުގެ ކޮންފަރެންސަކީ، އެންސީޕީއެލްއީ އެނުއަލް ޕޮލިސިންގ ކޮންފަރެންސް 2026 ގެ ނަމުގައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި ސްޓްރެޓީޖިކް ޕްލޭނިންގ އެންޑް ލީގަލް ސަރވިސަސް ގުޅިގެން ބާއްވާ ހަރަކާތެކެވެ. މި ކޮންފަރެންސް ކުރިއަށްގެންދަނީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ މިނިސްޓަރު ޢަލީ އިޙްސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އިސްނެންގެވުމުގެ މަތިންނެވެ.
ފުލުހުންގެ މީޑިއާއިން މަޢުލޫމާތު ދިން ގޮތުގައި، މި ކޮންފަރެންސްގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުލުހުންގެ ޚިދުމަތް ބޭނުންވާ މިންވަރާއި، ކުށުގެ ވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ އިތުރުން ފަންނީ ދިރާސާތަކުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.
މި މަޝްވަރާތަކުގެ ތެރެއިން އިސްކަންދޭންޖެހޭ ދާއިރާތައް ދެނެގަނެވި، ސާފު ލަނޑުދަނޑިތަކެއް ކަނޑައެޅި، ދިވެހި ފުލުހުންގެ ޚިދުމަތުގެ 2027 ވަނަ އަހަރުގެ އެކްޝަން ޕްލޭންގައި ހިމެނޭ ވަކިވަކި ޒިންމާތައް ތަރުތީބުކޮށް ކަނޑައެޅިގެންދާނެ ކަމަށް ފުލުހުން ބުންޏެވެ. އިލްމީ ހޯދުންތަކާއި، ދިރާސާތަކާއި ފުލުހުންގެ އޮޕަރޭޝަނަލް ތަޖުރިބާގެ އަލީގައި، އަމަލީ ގޮތުން ނަތީޖާ ނެރެވޭނެ ހަރުދަނާ ފިޔަވަޅުތަކެއް ވެސް އެކަށައެޅިގެންދާނެއެވެ.






