ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގެ ސްކޫލު ދަރިވަރުންތަކެއް، ޓިކްޓޮކް އެކައުންޓެއް މެދުވެރިކޮށް އެހެން ދަރިވަރަކަށް ގަނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މި މައްސަލަ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، ކުޑަކުދިންނާ ގުޅުން ހުންނަ މައްސަލައަކަށް ވާތީ އެކަން ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ދަރިވަރުން އެހެން ދަރިވަރުންނަށް ގަނާކުރުމާއި، ޚާއްސަކޮށް މީސްމީޑިއާ މެދުވެރިކޮށް އެފަދަ އަމަލުތައް ހިންގުން އިތުރުވެފައިވާ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ.
އިންޓަނެޓާއި ސޯޝަލް މީޑިއާގެ ޒަރީއާއިން ކުދިންނަށް ކުރާ މިފަދަ ގަނާކުރުމުގެ އަމަލުތަކަށް ސަމާލުވެ، ދަރިވަރުން އިންޓަނެޓް ބޭނުންކުރާ ގޮތް މައިންބަފައިންނާއި ބެލެނިވެރިން ގާތުން ބެލުމަށް ކަމާ ބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.






