ގއ. ފެނަހުއްޓާ ފަރަށް "ދެރަހާ" ނަމަކަށް ކިޔާ ދޯންޏެއް އަރައި، އެ ދޯނީގައި ތިބި އެންމެން އެމްއެންޑީއެފުން ސަލާމަތްކޮށްފިއެވެ.
ފުލުހުން ބުނީ، ފެނަހުއްޓާ ފަރަށް ދޯނި އަރައި، ދޯނީގެ ފަހަތްކޮޅު އަޑިއަށްދާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 00:47 އެހައިކަންހާއިރު ކަމަށެވެ.
މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، ގއ. އަތޮޅު ޕޮލިސް ލޯންޗާއި އެމްއެންޑީއެފްގެ ޓީމުތަކުން ވަނީ އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.
ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި އެންމެން މިހާރު ވަނީ އެމްއެންޑީއެފްގެ ހާބަރ ޕެޓްރޯލް ލޯންޗަށް ނަގާފައެވެ. އަދި އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މިހާރު އެމްއެންޑީއެފްގެ ޑައިވަރުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން، ދޯންޏަށް ލިބިފައިވާ ގެއްލުންތައް ބަލަމުން ދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.






