އާދިއްތަ, November 8
ކޮމަންވެލްތު ސަމިޓަށް ކުރެއްވި ދަތުރުފުޅު ފޮރިން މިނިސްޓަރު އިރުތިޝާމް ނިންމަވާލައްވައިފި

ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެންޓިގުއާ އެންޑް ބާބިއުޑާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ނިންމަވާލައްވައިފިއެވެ.

ނޮވެމްބަރު 1 އިން 4 އަށް އެ ޤައުމުގެ ވެރިރަށް ސެއިންޓް ޖޯންސްގައި ބޭއްވި މި ބައްދަލުވުމުގައި ބައިވެރިވި ދިވެހި ވަފުދުގެ އެންމެ އިސްވެރިޔަކީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފެވެ.

ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ދަތުރުފުޅުގައި ދިވެހި ވަފުދުން ވަނީ ކޮމަންވެލްތަކީ ވިލުންތެރި، ހަމަހަމަ އަދި ގުޅިގެން މަސައްކަތްކުރާ ޖަމާއަތަކަށް ހެދުމަށް ގޮވާލާފައެވެ. އަދި ވަރުގަދަ ބައިވެރިވުންތަކާއި، މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމާއި، ޖަމާއަތުގެ މުސްތަޤްބަލު ބައްޓަންކުރުމުގައި ހުރިހާ މެންބަރު ޤައުމުތަކަށް މާނަވީ ފުރުޞަތުތައް ހޯދައިދިނުމުގެ މުހިންމުކަން ރާއްޖެއިން އަލިއަޅުވާލާފައިވެއެވެ.

ކުދި ޤައުމުތަކާ ބެހޭ ކޮމަންވެލްތުގެ މިނިސްޓަރުންގެ ބައްދަލުވުމުގެ ކޯ-ޗެއަރަކަށް މިނިސްޓަރު އިރުތިޝާމް ހުންނަވައި، އެ ބައްދަލުވުމުގެ ރިޕޯޓު ޗޮގަމްގެ އެގްޒެކެޓިވް ސެޝަނަށް ވަނީ ހުށަހަޅުއްވާފައެވެ. އަދި ޗޮގަމްގެ ކުރިން ބޭއްވި ކޮމަންވެލްތުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމާއި، ޗޮގަމްގެ ތަފާތު ބައްދަލުވުންތަކުގައި މިނިސްޓަރު ވާހަކަފުޅު ދައްކަވާފައިވެއެވެ.

މީގެ އިތުރުން، ކޮޕް31 އަށް ކުރިމަތިލާއިރު މޫސުމީ ބަދަލުތަކާ ބެހޭ ގޮތުން ބޭއްވި މަތީ ފަންތީގެ ޕެނަލެއްގައި ވެސް ބައިވެރިވެވަޑައިގެން، މޫސުމީ ބަދަލުތަކަށް ޙައްލު ހޯދުމަށް ބޭނުންވާ މާލީ އެހީތެރިކަމާއި، ކޮޕް31 އިން ނަތީޖާ ނެރެދޭނެ ކަމަށް ރާއްޖެއިން ކުރާ އުންމީދުތައް މިނިސްޓަރު ހާމަކުރެއްވިއެވެ.

2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރު ހާސިލުކުރުމަށް، ބައިނަލްއަޤްވާމީ ފެންވަރުގައި ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަށް ވެސް މިނިސްޓަރު ގޮވާލެއްވިއެވެ. އަދި ކޮމަންވެލްތުގެ މެންބަރު ޤައުމުތަކުގެ ފޮރިން މިނިސްޓަރުންނާ ބައްދަލުކުރައްވައި، ދޭދޭ ގުޅުންތައް ވަރުގަދަކުރުމަށް މިނިސްޓަރު މަސައްކަތްކުރެއްވިއެވެ.

މި ފަހަރުގެ ޗޮގަމްގައި އިންވެސްޓްމަންޓް އިތުރުކުރުމާއި، ގޮންޖެހުންތަކުން އަރައިގަތުމުގެ ޤާބިލުކަން ވަރުގަދަކުރުމާއި، އިޤްތިޞާދީ ފުރުޞަތުތައް ފުޅާކުރުމާއި، ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކަށް ޙައްލު ހޯދުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު