Saturday, November 7
މިނިސްޓަރު ޚަލީލް: ނޫސްވެރިކަމުގެ އަޚުލާޤު މަތީ ފެންވަރުގައި ބަހައްޓަންޖެހޭ

އަންނަން އޮތް ޖީލުތަކާއި މުސްތަޤުބަލުގެ ރައްކާތެރިކަމަށް، ނޫސްވެރިކަމުގެ އަޚުލާޤީ ސުލޫކު އެންމެ މަތީ ފެންވަރެއްގައި ބަހައްޓަން ލާޒިމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހީމް ޚަލީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިކަން ފާހަގަކުރެއްވީ ޗައިނާގެ ވެރިރަށް ބެއިޖިންގގައި ކުރިއަށްދާ 7 ވަނަ ވޯލްޑް މީޑިއާ ސަމިޓުގެ ފެށުމުގެ ރަސްމިއްޔާތުގައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު މީޑިއާގެ ދާއިރާއަށް އަންނަ ކުރިއެރުންތަކުގެ މައްޗަށް މިނިސްޓަރު ވަނީ ބައްލަވާލައްވާފައެވެ. އަދި ބައިނަލްއަޤުވާމީ ފެންވަރުގައި މީޑިއާތައް އެއް އަމާޒަކަށް ގެނައުމަށް ޗައިނާގެ ޝިންހުއާ ނިއުސް އޭޖެންސީން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި، އެކަމަށް ތައުރީފު ކުރެއްވިއެވެ.

މިއަހަރުގެ ސަމިޓަށް ކަނޑައަޅާފައިވާ ޝިޢާރު "ހިކުމަތްތެރި ޒަމާނުގައި މީޑިއާ: އިއްތިފާޤުވުމުން ޢަމަލީ މައިދާނަށް" މިވަގުތުގެ ހާލަތާ ގުޅޭ މުހިންމު ޝިޢާރެއްކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މީޑިއާ ވަސީލަތްތައް ތަރައްޤީވަމުން އަންނަނީ އެކި މިންވަރަށްކަމަށް ފާހަގަކުރައްވައި، ހަލުވިކަމާއެކު ބަދަލުވަމުންދާ މި ދާއިރާއިން ކުރިއެރުން ހޯދުމުގައި އެއް ޤައުމުން އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރުގެ ދުނިޔެ ބައްޓަންވަމުން އަންނަނީ އާޓިފިޝަލް އިންޓެލިޖެންސާއި ޒަމާނީ އޮޓޮމޭޝަންގެ މައްޗަށްކަން ފާހަގަކުރައްވައި، މިފަދަ ޓެކްނޮލޮޖީތަކާއެކު ތެދު މަޢުލޫމާތު ވަކިކޮށް ދެނެގަތުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާކަމަށް ވިދާޅުވިއެވެ.

އާންމު ފަރާތްތަކުން އުފައްދާ ކޮންޓެންޓްތަކަށް ބޮޑު މަޤުބޫލުކަމެއް ލިބެމުންދާ މިދަނޑިވަޅުގައި، އެފަދަ އުފެއްދުންތަކުގައި ނޫސްވެރިކަމުގެ ހަމަތަކާއި އަޚުލާޤީ މިންގަނޑުތައް ނުހިފެހެއްޓޭކަން ފާހަގަކުރެއްވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އޮޅުވާލުމަށް ފަތުރާ މަޢުލޫމާތާއި ޙަޤީޤަތެއް ނެތް ވާހަކަތަކުގެ ނުފޫޒުގައި އާންމުން ޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މިފަދަ ނުރައްކާތަކުން މުޖުތަމަޢުތައް ރައްކާތެރިކޮށް، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް މިނިސްޓަރު ޚަލީލް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު