Saturday, November 7
ވަކިކުރި އޮޑިޓަރަށް ވަޒީފާދިނުން މަޑުޖައްސާލަން ހައިކޯޓުން އަމުރުކޮށްފި

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ވަކިކުރި އިންޓާނަލް އޮޑިޓަރަށް ބަދަލާއެކު ވަޒީފާ އިއާދަކޮށްދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ތަންފީޒުކުރުން، ހައިކޯޓުން ގޮތެއް ކަނޑައެޅުމާ ހަމައަށް މަޑުޖައްސާލަން ހައިކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ރައްދުވާގޮތަށް ނ. މަނަދޫ، ރީހުއްސަބާ، މުހައްމަދު ހަލީމް، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެކެވެ. އޭނާ 23 ނޮވެމްބަރު 2020 އިން ފެށިގެން އެ ކޯޕަރޭޝަންގެ އިންޓާނަލް އޮޑިޓަރުގެ މަގާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، 20 ޖެނުއަރީ 2025 ގައި ވަޒީފާއިން ވަކިކުރެވުނެވެ.

ޓްރައިބިއުނަލުން ނިންމީ، މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުނުކޮށް އޭނާ ވަޒީފާއިން ވަކިކޮށްފައިވާތީ، އޭނާ އަދާކުރަމުންދިޔަ މަގާމަށް ރުޖޫއަކުރުމަށެވެ. އަދި އެކަށީގެންވާ ސަބަބެއްނެތި ވަކިކޮށްފައިވާތީ، ނޯޓިސް މުއްދަތުގެ ގޮތުގައި ދީފައިވާ 26،509 ރުފިޔާގެ ނިސްބަތުން ބަލައި، ވަޒީފާއެއް އަދާކުރަން ފެށުމާ ހަމައަށް ޖުމްލަ 74،225 ރުފިޔާ ދޭންޖެހޭ ކަމަށާއި، އޭގެ ތެރެއިން ނޯޓިސްގެ ފައިސާ އުނިކުރުމަށްފަހު ބާކީ އޭނާއަށް ދިނުމަށްވެސް ކަނޑައަޅާފައިވެއެވެ.

ހައްޖު ކޯޕަރޭޝަނުން މި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށް، ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަކީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލާ ހިލާފު ނިންމުމެއް ކަމަށް ބުނެފިއެވެ. އަދި ހައިކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ޓްރައިބިއުނަލްގެ ނިންމުން ތަންފީޒުކޮށްފިނަމަ، ފައިސާ އަނބުރާ ހޯދުމަށް ހުރަސްތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އޮތް ކަމަށާއި، އުވާލެވިފައިވާ މަގާމަކަށް މުވައްޒަފަކު ޢައްޔަންކުރަން ޖެހޭ ކަމަށްވެސް ބުނެ، އަމުރު މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް އެދިފައިވެއެވެ.

މިކަމަށް ރިއާޔަތްކޮށް ހައިކޯޓުން އަމުރުކޮށްފައިވަނީ، މި މައްސަލައިގައި ހައިކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން، ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނާޅަންށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު