Saturday, November 7
އޮޑިޓް: އެމްއޭސީއެލްގެ ދަރަނި 16.64 ބިލިއަނަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހުޅުލޭ ބިމުގެ ލީސްހޯލްޑް ހައްގުތައް ރަހުނުކޮށް ބޮޑެތި ލޯނުތަކެއް ނެގުމުން، އެ ކުންފުނީގެ ޖުމްލަ ދަރަނި 16.64 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަން މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަކޮށްފިއެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން، މިފަދަ ބޮޑު ބަދަލެއް އައިސްފައިވަނީ އެއާޕޯޓުގެ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް ނަގާފައިވާ ބޮޑެތި ލޯނުތަކާއި، ސަރުކާރުގެ ބިން ހިއްކުމުގެ ޤައުމީ ފެންވަރުގެ އެއްބަސްވުންތައް އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުމާ ގުޅިގެންނެވެ.

އާ ޕެސެންޖާ ޓާމިނަލާއި، އާ ރަންވޭ އަދި ފިއުލް ފާމް ފަދަ ބިޔަ މަޝްރޫއުތަކަށް ބޭރުގެ މާލީ އިދާރާތަކުން ނަގާފައިވާ ލޯނުތަކުގެ މައިގަނޑު ގެރެންޓީއެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ހުޅުލޭގެ ބިން ކުއްޔަށް ހިފުމުގެ ހައްގުތަކާއި، އެ ބިމުގައި މިހާރު ހުރި އަދި ކުރިއަށް ބިނާކުރާނެ އިމާރާތްތަކާއި ވަސީލަތްތަކެވެ. ސަރުކާރުގެ ގްރާންޓެއްގެ ގޮތުގައި ކުންފުނީގެ ހިސާބުތަކުގައި ހިމަނާފައިވާ ހުޅުލޭގެ ބިން ބޭނުންކުރުމުގެ ހައްގުގެ އަގު އެކަނިވެސް 7 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާއިރު، މުޅި ހުޅުލޭގެ ގިނަ ސަރަހައްދުތަކެއް ވިޔަފާރި އުސޫލުން އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވެއެވެ. މި ލޯނުތަކަށް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ދައުލަތުގެ ސޮވަރިން ގެރެންޓީވެސް ފޯރުކޮށްދީފައިވެއެވެ.

އެމްއޭސީއެލްގެ ޕްރޮޕަޓީ، ޕްލާންޓް އެންޑް އިކުއިޕްމަންޓް (ޕީޕީއީ) އާއި ނުނިމި ހުރި މަޝްރޫއުތަކުގެ އަގު 20.37 ބިލިއަން ރުފިޔާއިން 23.6 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ އިރު، މިއީ ކުންފުނީގެ ޖުމްލަ ހަރުމުދަލުގެ 59 އިންސައްތައާއި 65 އިންސައްތައާ ދެމެދުގެ ނިސްބަތެކެވެ.

އެއާޕޯޓު ތަރައްގީގެ މައިގަނޑު ޒިންމާގެ އިތުރުން، ދައުލަތުގެ ބޮޑެތި ބިން ހިއްކުމުގެ މަޝްރޫއުތަކުގެ މާލީ ބުރަ އެމްއޭސީއެލްގެ ދަށަށް ގެނައުމަކީ ކުންފުނީގެ މާލީ ދެމެހެއްޓެނިވި ކަމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު