އަމިއްލަ އަންހެން ދަރިފުޅަށް ޖިންސީ ގޯނާކުރުމަށް މަގުފަހިކޮށްދީ، އެކަން ސިއްރުކުރި މަންމައެއްގެ މައްޗަށް ދަށު ކޯޓުން އިއްވި 18 އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމް ބާތިލުކުރަން ހައި ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށް، ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފިއެވެ.
މި ހުކުމާ ގުޅިގެން، 2018 ވަނަ އަހަރު ހައި ކޯޓުގެ ނިންމުމާއެކު މިނިވަންވި އެ އަންހެން މީހާ، ދަށު ކޯޓުން އިއްވި 18 އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމް ތަންފީޒުކުރުމަށްޓަކައި އަލުން ޖަލަށް ދާން ޖެހޭނެއެވެ.
މި މައްސަލައަކީ 2014 ވަނަ އަހަރުން ފެށިގެން އެކި ދުވަސްމަތިން މީހަކު ލައްވައި އަމިއްލަ ދަރިފުޅާ މެދު ޖިންސީ އަމަލު ހިންގުމަށް ހިތްވަރުދީ، އެކަމަށް ފުރުސަތު ފަހިކޮށްދިން މައްސަލައެކެވެ. މި މައްސަލައިގައި 2016 ވަނަ އަހަރު ދަށު ކޯޓުން އޭނާގެ މައްޗަށް ދެ ކުށެއް ސާބިތުވާ ކަމަށް ކަނޑައެޅިއެވެ. އެއީ އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލު ހިންގުވުމުގެ ކުށާއި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރާކަން އެނގިހުރެ ރިޕޯޓް ނުކުރުމުގެ ކުށެވެ.
ދަށު ކޯޓުގެ ހުކުމް 2018 ވަނަ އަހަރު ހައި ކޯޓުން ބާތިލުކުރީ، ޝަރީއަތުގެ ލިޔުންތައް އޭނާއަށް ރައްދުވިކަން ކަށަވަރު ނުވާތީ ދިފާއުވުމުގެ ހައްގު ގެއްލިފައިވާ ކަމަށާއި، ރިޕޯޓު ނުކުރި މައްސަލައިގެ ތަހުގީގެއް ނުހިންގާ ދައުވާ އުފުލާފައިވާ ކަމަށް ބަލައިގެންނެވެ.
ހައި ކޯޓުގެ އެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، ސުޕްރީމް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވަނީ މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގި މައްސަލައަކަށް ވުމުން، ލިޔުންތައް ހަވާލުކުރި ރެކޯޑެއް ނެތް ނަމަވެސް ޝަރީއަތުގައި އެފަދަ ޝަކުވާއެއް އޭނާ ކޮށްފައި ނުވާ ކަމަށެވެ. އަދި ވަކީލަކު ހަމަޖައްސަން ފުރުސަތު ދީފައިވުމުގެ އިތުރުން، މެޑިކަލް ރިޕޯޓްތަކާ ގުޅިގެން ހެކިންނާ އޭނާ އަމިއްލައަށް ސުވާލުކޮށްފައިވާތީ ލިޔުންތައް ލިބިފައިވާކަން އެނގޭ ކަމަށްވެސް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ދަރިފުޅަށް ޖިންސީ ގޯނާކުރާކަން އެނގިހުރެ ސިއްރުކުރި މައްސަލައިގައި ފުލުހުން އޭނާއާ ސުވާލުކޮށްފައިވާކަން ބަޔާނުން އެނގެން އޮތް ކަމަށާއި، އެކަން ސިއްރުކުރި ކަމަށް ތަހުގީގުގައި އޭނާ އަމިއްލައަށް އިއުތިރާފުވެފައިވާތީ އެ ދައުވާ އުފުލާފައިވަނީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިންއެވެ. އެ ފަނޑިޔާރުގެ ރައުޔަށް ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މުހައްމަދު ސަލީމް ވަނީ ތާއީދު ކުރައްވާފައެވެ.






