Saturday, November 7
އޮކްޓޫބަރުގައި އެމްޕީއެލުން 190،145 ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި

މާލޭ ވިޔަފާރި ބަނދަރު މެދުވެރިކޮށް، ނިމިދިޔަ އޮކްޓޫބަރު މަހު 190،145.85 ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.

އެމްޕީއެލުން އާންމުކުރި ތަފާސްހިސާބުތަކުގައި މުދާ ކްލިއަރެންސް، ކޮންޓެއިނަރު ހޭންޑްލިން، ބަނދަރަށް އައި އުޅަނދުފަހަރު އަދި އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި އެތެރެކުރެވުނު މިންވަރުގެ ތަފުސީލު ހިމަނާފައިވެއެވެ.

މާލޭ ވިޔަފާރި ބަނދަރުން މިދިޔަ މަހު ކްލިއާކުރި މުދަލުގެ ތެރޭގައި 5،768 ކޮންޓެއިނަރު ކޮންސައިންމަންޓާއި 1،825 ކޮންވެންޝަނަލް ކޮންސައިންމަންޓް ހިމެނެއެވެ. އެ މަހުގެ ތެރޭގައި ބަނދަރަށް ޖުމްލަ 47 އުޅަނދެއް ލަފާފައިވާއިރު، އޭގެ ތެރޭގައި 34 ކޮންވެންޝަނަލް އުޅަނދާއި 13 ކޮންޓެއިނަރު ބޯޓު ހިމެނެއެވެ.

ކޮންޓެއިނަރު ހޭންޑްލިން ހިސާބަށް ބަލާއިރު، ބަނދަރުން 7،818 ޓީއީޔޫގެ ކޮންޓެއިނަރު އަންލޯޑްކޮށް، 7،610 ޓީއީޔޫ ލޯޑްކޮށްފައިވެއެވެ. އެހެންކަމުން މުޅި މަހުގެ ޖުމްލަ ކޮންޓެއިނަރު ތްރޫޕުޓަކީ 15،428 ޓީއީޔޫއެވެ.

އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ތެރެއިން އެންމެ ގިނައިން ކްލިއާކުރެވުނީ ބިހެވެ. އެގޮތުން 72،561 ޕެކޭޖްގެ ބިސް ކްލިއާކޮށްފައިވާ އިރު، ދެވަނައަށް އެންމެ ގިނައިން ކްލިއާކުރި ފިޔާގެ އަދަދު 50،847 ޕެކޭޖަށް އަރައެވެ.

ސެޕްޓެމްބަރު މަހު އެމްޕީއެލުން 178،197 ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފައިވެއެވެ. މާލޭ ވިޔަފާރި ބަނދަރުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފުޅާ ދައުރު ބޮޑަށް ފެނިގެންދާކަމަށް އެ ކުންފުނިން ފާހަގަކޮށްފިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު