Wednesday, November 4
ތ. އަތޮޅު ހޮސްޕިޓަލް ތަރައްޤީކުރުމަށް ކުވެއިތު ފަންޑާއެކު ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފި

ތ. ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލް ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއި ކުވެއިތު ފަންޑާއެކު 3 މިލިއަން ކުވެއިތީ ދީނާރުގެ ލޯނު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މިއީ ގާތްގަނޑަކަށް 9.7 މިލިއަން އެމެރިކާ ޑޮލަރެވެ.

މި ލޯނަކީ ތ. ވޭމަންޑޫގައި އަލަށް ހޮސްޕިޓަލެއް އިމާރާތްކުރުމުގެ މަޝްރޫޢު ހިންގުމަށް ކުވެއިތު ފަންޑް ފޮރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ) އިން ދޫކުރާ ލޯނެކެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގައި ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މާލިއްޔަތު ވަޒީރު ޙަސަން ޒަރީރެވެ. ކުވެއިތު ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ އެކްޓިންގ ޑިރެކްޓަރ ޖެނެރަލް ރަޝައިދު އަލްބަދަރެވެ. ރަސްމިއްޔާތުގައި ސިއްޙީ ވަޒީރާއި ކުވެއިތު ފަންޑުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވުޒާރާއިން ބުނީ، މި ލޯނު ހަމަޖެހުނީ ކުވެއިތު ފަންޑުން ރާއްޖެއަށް ކޮންމެ އަހަރަކަށް ކަނޑައަޅާފައިވާ 10 މިލިއަން ޑޮލަރުގެ ކަންޓްރީ ލިމިޓްގެ ދަށުން ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޒަރީރު ވިދާޅުވީ، މިއަދު ސޮއިކުރި އެއްބަސްވުމަކީ ހަމައެކަނި އިމާރާތެއް ބިނާކުރުމަށް ވެވުނު އެއްބަސްވުމެއް ނޫން ކަމަށާއި، މިއީ ރައްޔިތުންގެ ސިއްޙަތަށްޓަކައި ކުރެވުނު މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. ކޮންމެ ރައްޔިތަކަށް ވެސް އެމީހަކު ދިރިއުޅޭ ރަށަކުން ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތެއް ކަށަވަރުކޮށްދިނުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތު ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

އަލްބަދަރު ވިދާޅުވީ، މިއީ ކުވެއިތު ފަންޑުން ރާއްޖެއަށް ދޫކުރި 15 ވަނަ ލޯނު ކަމަށާއި، ރާއްޖޭގެ ސިއްޙީ ދާއިރާއަށް އެ ފަންޑުން އިންވެސްޓްކުރި ފުރަތަމަ ފަހަރު ކަމަށެވެ. 1976 ވަނަ އަހަރު ފެށިގެން މިހާތަނަށް 185 މިލިއަން ޑޮލަރުގެ 14 ލޯނު ދޫކޮށްފައިވާ ކަމަށާއި، ހިލޭ އެހީއާއި ފަންނީ އެހީގެ ގޮތުގައި 5.7 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވާ ކަމަށް ވެސް އަލްބަދަރު ވިދާޅުވިއެވެ.

ވުޒާރާއިން ބުނީ، މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ތ. އަތޮޅުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ. މިއާއެކު ފަރުވާއަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކާއި އެކަމަށް ހިނގާ ޚަރަދު ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށް ވުޒާރާއިން ބުނެއެވެ.

އަލްބަދަރު ވިދާޅުވީ، މާލިއްޔަތު ވަޒީރުގެ އެދުމަށް ރިޢާޔަތްކޮށް، އަންނަ އަހަރުން ފެށިގެން ރާއްޖެއަށް ކަނޑައަޅާފައިވާ އަހަރީ ކަންޓްރީ ލިމިޓް 10 މިލިއަން ޑޮލަރުން 40 މިލިއަން ޑޮލަރަށް އިތުރުކުރަން ފަންޑުން ނިންމާފައިވާ ކަމަށެވެ. ތިލަފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢަށް ފައިނޭންސްކުރުމުގައި ބައިވެރިވުމަށް ވަޒީރު އެދިވަޑައިގެންފައިވާތީ، އެކަމާ ގުޅޭ މަޝްވަރާތައް މިހާރުން މިހާރަށް ފަށާނެ ކަމަށް ވެސް އަލްބަދަރު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު