ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކޮށްފައިވާ މައްސަލައިގެ މަޢުލޫމާތު، ދިވެހި ސަރުކާރުން ބޭރުގެ ޤައުމުތަކުގެ ފޮރިން މިނިސްޓްރީތަކާއި އެމްބަސީތަކަށް ރަސްމީކޮށް އަންގައިފިއެވެ.
މިކަން އަންގާފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީން އެ ޤައުމުތަކަށް ފޮނުވި "އިންފޮމޭޝަން ނޯޓެއް" ގައެވެ.
އެ ނޯޓުގައި ބުނެފައިވާ ގޮތުގައި، ތަޙުޤީޤުގެ މަރުޙަލާގައާއި ޝަރުޢީ އިޖުރާއާތުތަކުގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤާއި ޢަދުލުވެރިކޮށް ޝަރީޢަތް ހިންގުމުގެ ޙައްޤު ހިމެނޭހެން، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ދަށުން ޝާހިދަށް ލިބިދޭ އެންމެހައި ޙައްޤުތައް ކަށަވަރުކޮށްދެވޭނެއެވެ.
ފޮރިން މިނިސްޓްރީން ވަނީ، ރާއްޖޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާތައް ހުއްޓުވުމަށާއި، އަނިޔާ ލިބޭ ކުދިންގެ ޙައްޤުތަކާއި މަޞްލަޙަތު ރައްކާތެރިކުރުމަށް ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ޤާއިމުކުރެވިފައިވާކަން ފާހަގަކޮށްފައެވެ.
މި މައްސަލައާ ގުޅުންހުރި ކުއްޖާގެ ރައްކާތެރިކަމާއި ޒާތީ މަޢުލޫމާތު ރައްކާތެރިކުރުން ކަށަވަރުކޮށް، ކަމާބެހޭ އިދާރާތަކުން ޤާނޫނާ އެއްގޮތަށް ޒިންމާތައް އަދާކުރަމުން ގެންދާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
ޝާހިދު 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ އިއްޔެއެވެ.






