Wednesday, November 4
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފިއެވެ.

މި މަޤާމު ހުސްވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން ރިޓަޔަރކުރެއްވުމަށް ނިންމެވުމާ ގުޅިގެންނެވެ. ޖޭއެސްސީން ބުނީ، އަންނަ ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުން ރިޓަޔަރކުރެއްވުމަށް ޢަލީ ރަޝީދު އެދިވަޑައިގެންނެވި ގޮތަށް، އެމަނިކުފާނު ރިޓަޔަރކޮށްދެއްވުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު 10:00 އެވެ. މަޤާމަށް އެދި ހުށަހަޅަންޖެހެނީ ޖޭއެސްސީގެ "ފަހިރެސް" ޕޯޓަލް މެދުވެރިކޮށެވެ. ނަމަވެސް، ހާޑް ކޮޕީ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ސުންގަޑި ހަމަވުމުގެ ކުރިން ކޮމިޝަނުގެ ކައުންޓަރަށް ވެސް ހުށަހެޅޭނެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކުގެ ތެރޭގައި، ޢުމުރުން 30 އަހަރު ފުރިފައިވުމާއި، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު، ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން ހިމެނެއެވެ.

މީގެ އިތުރުން، ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެ ކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ވެސް ޝަރުޠުކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު