ޤައުމީ އެއާލައިން މޯލްޑިވިއަނުން ލަގްޒަރީ ދަތުރުތަކަށް ޚާއްޞަކޮށް ގެނައި "ކިންގް އެއާ 360" މަރުކާގެ މަތިންދާބޯޓެއް މިއަދު ހަވީރު ރާއްޖެ ގެނެސްފިއެވެ.
މި ބޯޓަކީ "ނިލާ ކޮރަލް އައިލެންޑް" އާ ގުޅިގެން މޯލްޑިވިއަނުން ފަށާ ލަގްޒަރީ ދަތުރުތަކަށް ގެނައި ބޯޓެކެވެ.
މި ބޯޓު ރާއްޖެ ގެނައުމާ ގުޅިގެން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޢަލީ ސަލީމް ވިދާޅުވީ، އަލަށް ގެނައި މި ބޯޓަކީ ލަގްޒަރީ ފަތުރުވެރިކަމުގައި ރާއްޖެ އަންނަ ފަތުރުވެރިން ދަތުރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ބޯޓެއް ކަމަށެވެ.
ސަލީމް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި މޯލްޑިވިއަންގެ އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް މި ބޯޓުގެ ޚިދުމަތަށް އެދުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ.
މި ޚިދުމަތަކީ ރާއްޖޭގެ ލަގްޒަރީ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު އިތުރު ކުރިއެރުމެއްގެ ގޮތުގައި މޯލްޑިވިއަނުން ވަނީ ސިފަކޮށްފައެވެ.
މޯލްޑިވިއަން އަކީ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ދަށުން ހިންގާ ދިވެހިރާއްޖޭގެ ޤައުމީ އެއާލައިނެވެ.






