ގަވާއިދުން ކުލި ނުދައްކާ ދިގު މުއްދަތެއް ވެފައިވާތީ، ހުޅުމާލޭގައި "ރިވެލި ބީޗް ރެސްޓޯރަންޓް" ހިންގަމުންދިޔަ ބިމުގެ އެއްބަސްވުން ބާތިލުކޮށް، އެ ބިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށަށް ނަގައިފިއެވެ.
އެޗްޑީސީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ހުޅުމާލޭގެ ލޮޓް ނަންބަރު 10877 ގައި ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑުން ހިންގަމުންދިޔަ ވިޔަފާރީގެ އެއްބަސްވުން ބާތިލުކޮށް، މިއަދުން ފެށިގެން އެ ބިން އެ ކޯޕަރޭޝަނުގެ ބެލުމުގެ ދަށަށް ނެގުމަށް ނިންމާފައިވާ ކަމަށެވެ.
އެ ނިންމުމާ ގުޅިގެން، ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑަށް އެ ބިމުގައި އެއްވެސް ބާވަތެއްގެ ވިޔަފާރި މުއާމަލާތެއް އަދި ޚިދުމަތެއް ވެސް ދެން ނުދެވޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އެޗްޑީސީން ބުނީ، މި ފިޔަވަޅު އަޅަން ނިންމީ ކުލި ނުދައްކާތާ ދިގު މުއްދަތެއް ވެފައިވާތީ، އެއްބަސްވުމުގެ ދަށުން ދޭންޖެހޭ އެންމެހައި ނޯޓިސްތަކާއި، ފައިސާ ދެއްކުމަށް އެކަށީގެންވާ ގިނަ ފުރުސަތުތަކެއް ދިނުމަށް ފަހު ކަމަށެވެ. އަދި އެއްބަސްވުން ބާތިލުކޮށްފައިވަނީ ކަނޑައެޅިފައިވާ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
މީގެއިތުރުން އެޗްޑީސީން ބުނީ، މިފަދަ ނިންމުމެއް ނިންމަނީ އާންމުންނަށް ޚިދުމަތްދޭން ހުޅުމާލޭގައި ގާއިމުކޮށްފައިވާ ވިޔަފާރިތަކަށް ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ފުރުސަތު ދިނުމަށް ފަހުގައި ކަމަށެވެ. އެ ކޯޕަރޭޝަނުގެ އަމާޒަކީ ހުޅުމާލޭގައި ވިޔަފާރިކުރާ ފަރާތްތަކަށް އަބަދުވެސް ވީހާވެސް ފަހި ފުރުސަތުތަކެއް ހޯދައިދިނުން ކަމަށް ވެސް އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.






