ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމުން ވަކިކުރުމާއި، އަލުން އެ މަގާމަށް މީހަކު ހޮވުމުގައި ތަފާތުކުރުން ގެންގުޅެފައިވާ ކަމަށް ބުނެ ފާޠިމަތު ޝައުފާ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާ ދެކޮޅަށް ހުށަހެޅި މައްސަލަ ސާބިތުނުވާ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅައިފިއެވެ.
ލ. ފޮނަދޫ، ދޯޅަބުގެ، ފާޠިމަތު ޝައުފާ ޓޫރިޒަމް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ޢައްޔަނުކުރީ 2025 ވަނަ އަހަރުގެ ޖަނަވަރީ 6 ގައެވެ. ނަމަވެސް، ޕްރޮބޭޝަން މުއްދަތުގެ ތެރޭގައި، އެ އަހަރުގެ ފެބުރުވަރީ 3 ގައި އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އެއީ ފެބުރުވަރީ 1 ގައި ޓޫރިޒަމް މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީ އެއްކޮށްލައި، ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ އުފެއްދުމަށްފަހުގައެވެ.
މައްސަލަ ހުށަހަޅަމުން ޝައުފާ ފާހަގަކުރެއްވީ، ދެ ވުޒާރާ އެއްކޮށްލުމަށްފަހު އާ ވަޒީރު މަގާމާ ހަވާލުވެވަޑައިގެންނެވިތާ ތިންވަނައަށްވީ ދުވަހު ސީއެސްސީގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ ސަޢީދު އޭނާގެ ކިބައިން އިސްތިއުފާ ދެއްވުމަށް އެދިވަޑައިގެންނެވި ކަމަށެވެ.
އިސްތިއުފާ ދެއްވުމަށް އިންކާރުކުރެއްވުމުން ޕްރޮބޭޝަން މުއްދަތުގައި ވަޒީފާއިން ވަކިކުރެވޭ އުސޫލުގެ ދަށުން އޭނާ ވަކިކުރީ، ކުރީގެ ޓޫރިޒަމް ވަޒީރު އިބްރާހީމް ފައިސަލާ އެއް ރަށަކަށް ނިސްބަތްވާތީ ސިޔާސީ ގޮތުންނާއި އުފަން ރަށަށް ބަލައި ތަފާތުކުރުން ގެންގުޅެގެން ކަމަށް ޝައުފާ ތުހުމަތުކުރެއްވިއެވެ.
މީގެ އިތުރުން، އާ މިނިސްޓްރީގެ ޕީއެސް ހޮވުމަށް ބޭއްވި ފުރަތަމަ އިންޓަވިއުއިން އޭނާއަށް އެންމެ މަތިން މާކްސް ލިބިފައިވަނިކޮށް، އެ އިންޓަވިއު ބާޠިލުކޮށް ދެވަނަ އިންޓަވިއުއަކުން އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ޕީއެސްއަށް މަގާމު ދީފައިވަނީ ގަސްދުގައި ވަކި ފަރާތަކަށް މަގާމު ދިނުމުގެ ގޮތުން ކަމަށްވެސް ޝައުފާ ތުހުމަތުކުރެއްވިއެވެ. އެހެންކަމުން، ވަޒީފާގެ އެއްބަސްވުމުގެ ބާކީ މުއްދަތަށް ވާ މުސާރައާއި އިނާޔަތްތަކުގެ އިތުރުން، ވަކީލު ޚަރަދުގެ ގޮތުގައި 35,000 ރުފިޔާ ނަގައިދިނުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
މި މައްސަލައިގައި ސީއެސްސީން ދިފާޢުގައި ބުނީ، ވަޒީފާއާބެހޭ ޤާނޫނާއި ސިވިލް ސާވިސްގެ ޤަވާޢިދުގެ ދަށުން ޕްރޮބޭޝަން މުއްދަތުގައި، އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުމަށް ވަޒީފާދޭ ފަރާތަށް ލިބިދޭ ޤާނޫނީ އިޚްތިޔާރުގެ ތެރެއިން ޝައުފާ މަގާމުން ވަކިކުރީ ކަމަށެވެ. އަދި އޭނާއާމެދު އެއްވެސް ތަފާތުކުރުމެއް ގެންގުޅެފައިނުވާނެ ކަމަށާއި، ތަފާތުކުރި ކަމަށް ބުނާ ވާހަކަތަކަށް ބާރުދޭ އެއްވެސް ހެއްކެއް ނެތް ކަމަށް ކޮމިޝަނުން ފާހަގަކުރިއެވެ.
މައްސަލަ ބެއްލެވި ޓްރައިބިއުނަލުގެ މެންބަރު ޝުޢައިބު ޔޫސުފްގެ ރައުޔުގައި ފާހަގަކުރައްވާފައިވަނީ، ޕްރޮބޭޝަން މުއްދަތުގައި ނޯޓިހަކާ ނުލައި ވަޒީފާއިން ވަކިކުރުމުގެ ބާރު ވަޒީފާދޭ ފަރާތަށް އޮންނަ ކަމަށެވެ. އަދި އެ މަރުޙަލާގައި ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް އޮތްތޯ ވަޒަންކުރަންޖެހޭ ކަމެއް ނޫން ކަމަށް މަތީ ކޯޓުތަކުގެ ނިންމުންތަކުން އެނގޭ ކަމަށްވެސް ރައުޔުގައި ވެއެވެ.
ޝައުފާއާއި ކުރީގެ ވަޒީރު އިބްރާހީމް ފައިސަލް އެއް ރަށަކަށް ނިސްބަތްވުމަކީ، އޭގެ ޒާތުގައި ތަފާތުކުރުމެއް ހިނގި ކަމަށް ބެލޭނެ ހަމައެއް ނޫން ކަމަށް ޓްރައިބިއުނަލުން ކަނޑައެޅިއެވެ. ހައިކޯޓުގެ ނިންމުންތަކަށް ބަލާއިރު، ތަފާތުކުރުމުގެ ދަޢުވާއެއް ސާބިތުކުރުމަށް އެކަށީގެންވާ ހެއްކާއި ޤަރީނާ ހުށަހަޅަންޖެހޭނެ ނަމަވެސް، މި މައްސަލައިގައި އެފަދަ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށްވެސް ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.
ފުރަތަމަ އިންޓަވިއު ބާޠިލުކުރީ އޭގައި ބައިވެރިވި ހުރިހާ ފަރާތްތަކަށްވެސް އެއް ހަމައަކުން ކަމަށާއި، ދެވަނަ އިންޓަވިއުއިން ޝައުފާ ނުހޮވުމަކީ ތަފާތުކުރުމެއް ކަމަށް ނުބެލޭނެ ކަމަށް ޓްރައިބިއުނަލުން ނިންމިއެވެ.
އެހެންކަމުން، ސީއެސްސީން ޝައުފާއާމެދު ތަފާތުކުރުމުގެ އިދާރީ ފިޔަވަޅެއް އަޅާފައިވާކަން ސާބިތުނުވާތީ، ބާކީ މުއްދަތުގެ މުސާރައާއި ވަކީލު ފީގެ ގޮތުގައި އެދުނު 35,000 ރުފިޔާ ނަގައިދެވޭނެ އެއްވެސް ޤާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައަޅައި ޓްރައިބިއުނަލުން ވަނީ މައްސަލަ ނިންމާފައެވެ.






