ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ ކުންފުންޏަކުން ދިން 203,500 ރުފިޔާ ޓެކުމުގެ މައްސަލައިގައި، ސިޔާސީ އެކްޓިވިސްޓެއް ކަމަށްވާ މާލެ މ. އައްސިދަ، މުޙައްމަދު ސަޢީދު ނުވަތަ އާންމު ނަމުން ނަމަ ބޮކި ސަޢީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
މި މައްސަލަ ބައްލަވައި ޙުކުމް ކުރެއްވީ ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އާދަމް މުޙައްމަދެވެ. ޙުކުމް ކުރެއްވީ 26 އޮކްޓޫބަރު 2026 ގައެވެ.
މި މައްސަލައިގައި ސަޢީދުގެ މައްޗަށް ދައުލަތުން އުފުލީ ޓެކުމުގެ ކުށުގެ ދަޢުވާއެވެ. އެ ދަޢުވާގައި ބަޔާންކޮށްފައި ވަނީ، 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި އައިމޯ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ޑޮލަރު ގަތުމަށްޓަކައި، އެ ކުންފުނީގެ އެކައުންޓުން ސަޢީދުގެ ބީއެމްއެލް އެކައުންޓަށް 203,500 ރުފިޔާ ޖަމާކުރުމުން، އެ ފައިސާއަށް ޑޮލަރު ހޯދުމަށްފަހު އެ ކުންފުންޏާ ޑޮލަރު ޙަވާލުނުކޮށް އަދި ފައިސާ ވެސް އަނބުރާ ރައްދުކޮށްދީފައި ނުވާ ކަމަށެވެ.
ޙުކުމުގައި ފާހަގަކުރައްވާފައި ވަނީ، އައިމޯ ކުންފުނިން ފޮނުވި ފައިސާއަށް ޑޮލަރު ގަތުމަށްފަހު، އެ ޑޮލަރު އައިމޯއާ ޙަވާލުނުކުރާ ކަމަށް ސަޢީދު ޝަރީޢަތުގައި އެއްބަސްވެފައިވާ ކަމަށެވެ. އަދި އެ ފައިސާއަށް ވީ ގޮތެއް އޭނާއަށް އެކަށީގެންވާ ގޮތެއްގައި ސާފުކޮށްދެވިފައި ނުވާތީ، މިއީ އޮޅުވާލައިގެން މުދާ ނިގުޅައިގަތުން ކަމަށް ޝަރީޢަތަށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވެއެވެ.
ޖަލު ޙުކުމާއެކު، ގެއްލުމުގެ ބަދަލުގެ ގޮތުގައި 203,500 ރުފިޔާ، ޙުކުމް ކުރި ދުވަހުން ފެށިގެން 24 މަސްދުވަހުގެ ތެރޭގައި ސިވިލް ކޯޓު މެދުވެރިކޮށް އައިމޯ އެންޓަޕްރައިސަސްއަށް ދައްކައި ޚަލާޞްކުރުމަށް ވެސް ކޯޓުން އަމުރުކޮށްފައިވެއެވެ.
މުޙައްމަދު ސަޢީދަކީ ޖުމްހޫރީ ޕާޓީގައި އުޅުނު ސިޔާސީ އެކްޓިވިސްޓެކެވެ. އޭނާއަކީ މީގެ ކުރިން ޖުމްހޫރީ ޕާޓީގެ މައި އޮފީސް (މ. ކުނޫޒު) ސަރަހައްދުގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން، ޚަބަރު ކަވަރުކުރަން އުޅުނު ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ކެމެރާމަނަކަށް ބިރުދައްކައި އިންޒާރުދިން ކަމުގެ ތުހުމަތުގައި ފުލުހުންގެ ތަޙުޤީޤަށް ވެސް ހާޒިރުކުރި މީހެކެވެ.






